55 ކައުންސިލު އިމާރާތްކުރުމަށް ކުރިން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން ބާތިލުވުމަށްފަހު، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގޮވަރމަންޓު އެންޑު ޕަބްލިކް ވާކްސް އިން، އެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ)އާއި ހަވާލުކޮށްފިއެވެ.
ގިނަ ދުވަސްވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އަލުން ޢިމާރާތްކުރުމަށް އެންމެ ފުރަތަމަ ހަވާލުކުރެވުނީ، މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ ”ހެކްސްޓަރ ގްލޯބަލް“ އާއެކުއެވެ، އެގޮތުން، އެއްބަސްވުމުގައި ސޮއިކުރެވުނީ މި އަހަރުގެ ޖަނަވަރީ މަހުގައެވެ. އެހެންނަމަވެސް، އެ ކުންފުންޏާއިއެކު ސޮއިކުރެވުނު އެއްބަސްވުން ބާތިލުކޮސްފައިވާކަމަށް، މިނިސްޓަރ އޮފް ސިޓީސް ވަނީ މި އަހަރުގެ ޖެނުއަރާ މަހުގައި ހާމަކޮށްފައެވެ. އެގޮތުން، އެ އެއްބަސްވުން ބާތިލުވުމަށް މެދުވެރިވި ސަބަބަކީ، ކައުންސިލުތަކުން، އެ ކައުންސިލުގެ އިމާރާތަށް ގެންނަން ހުށަހެޅި ބަދަލުތައް ހެކްސްޓަރ ގްލޯބަލް ބަލައިނުގަތުމުންކަމަށެވެ. އަދި، ހެކްސްޓަރ ގްލޯބަލްއިން، އެ އެއްބަސްވުން ބާތިލްކުރުމާއި ގުޅިގެން، އެ ކުންފުންޏަށް ދޭންޖެހޭ އެެއްވެސް ބަދަލެއް ނެތްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، 55 ކައުންސިލު އިމާރާތް އެޅުމަށް ޝައުގުވެރިކަން ހުރި ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއާޓުކުރުމަށްފަހު، އެ މަސައްކަތް އެހެން ދިވެހި ކުންފުންޏަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި 55 ކައުންސިލު އިމާރާތްކުރުމަށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢު ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއި ހަވާލުކޮށްފައެވެ.
އެގޮތުން، މި މަޝްރޫއުގެ ޢަމަލީ މަސައްކަތް މި އޮގަސްޓްމަހުގެތެރޭގައި ފެށޭނެކަމަށް މިނިސްޓްރީން ހަނަކުރިއެވެ. އަދި، މި މަސައްކަތް 1 އަހަރުތެރޭގައި ނިންމާލެވޭނެކަމަށް މިނިސްޓްރީން ހާމަކުރިއިރު، މި ޕްރޮޖެކްޓްގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރުވެސް ހިމެނޭނެކަމަށް މިނިސްޓްރީން ހާމަކުރިއެވެ.

