ޤާނޫނު ނަންބަރު 8/2025 (ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
މި ބިލަކީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކޮށް، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ބަޔާންކުރުމަށް ހުށައަޅާފައިވާ ބިލެކެވެ. އަދި އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތަކެކެވެ.
މި ބިލާއިއެކު ވުޒާރަތަކާ ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާ ލިބިވަޑައިގަންނަވާ ބާރާއި، އިހުތިޔާރުތައް ބޭނުންކުރުމާގުޅޭ ހުރިހާ އުސޫލުތައް ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށްވެސް ހިނގާނެއެވެ.
މިއީ މިވެރިކަމުގައި މި ގާނޫނަށް އިސްލާހު ހުށައެޅި ދެވަނަ ފަހަރެވެ. މި އިސްލާހުގެ ބޭނުމަކީ އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަށް އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކައި ހަރުދަނާ އޮނިގަނޑެއްގެ ދަށުން މަސައްކަތް ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ގެނައުމެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

