ބޮޑުތަކުރުފާނުމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކޮށްފައިވާކަން މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މިކަން ހަމަކޮށްފައިވަނީ ސިޓީ ކައުންސިލުން ހިއްސާކުރި ޕޯސްޓެއްގައެވެ. މަގު ބަންދުކުރުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2025 ން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށެވެ.
އެހެންވެ، އެކަމާ ގުޅިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް ކައުންސިލުން ވަނީ މާފަށް އެދެފައެވެ.
ބަންދުވާނެ ސަރަހައްދުތައް ފާހަގަކޮށް ސިޓީ ކައުންސިލުން ވަނީ ޗާޓެއްވެސް އާންމުކޮށްފައެވެ. އެގޮތުން އެ ޗާޓުގައިވާ ގޮތުން، ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެއެވެ. އަދި ގިނަ އަދަދެއްގެ އަތޮޅު ފެރީތައް ވެސް ވަންނަ އެ ސަރަހައްދުގެ ފަޅު ކުރިއަށް އޮތް ދުވަސްތަކުގައި ބަންދު ވާނެ ކަން ކައުންސިލުގެ ޗާޓުން ދައްކައެވެ.
މީގެ އިތުރުން ކާރޫބާރޫ ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގު ވެސް ޓްރެފިކަށް ބަންދު ކުރާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

