މުހިންމު މަސައްކަތްތައް ކޮމިޓީގައި ކުރާއިރު، ބަރާބަރަށް މެންބަރުން ހާޒިރުވުން މުހިންމު ކަމަށާއި ނޫންނަމަ ނަތީޖާއަށް އަސަރު ކުރާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ދެ މެންބަރުން އައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ މިއަދުގެ މަޖިލީހަށް ހުށައަޅާފައެވެ.
މި ރިޕޯޓުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އެޗްއާރުސީއެމްއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ތަނެއްކަމަށާއި، މިފަދަ މުހިންމު މަސައްކަތްތަކެއް ކުރާ ކޮމިޝަނެއްގައި ތިބޭ މެންބަރުން ސަމާލުވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެކަމަށެވެ. މިއީ ވަރަށް ގިނަ ބައެއްގެ ހައްގުތަކާއި ގުޅިފައިވާ ކޮމިޝަނެއްކަމަށާއި، ބަޔާންތައް ނެރުއްވާއިރުވެސް، ސަމާލުވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނަކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މި ކޮމިޝަނަށް މެންބަރުން އައްޔަނުކުރައްވަން ރައީސުލްޖުމްހުރިއްޔާ ފޮނުއްވާފައިވާ ބޭފުޅުންނަށް މާކްސް ދެއްވިއިރު، ތިން ބޭފުޅަކު ހާޒިރު ނުވާކަމަށެވެ. އެހެންކަމުން އެ ތިން ބޭފުޅުންގެ މާކްސްއާއިއެކު މިހާރު އޮތް ފައިނަލް މާކްސްއަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މިފަދަ މުހިންމު މަސައްކަތްތަކެއް ކުރާއިރު، ކޮމިޓީއަށް މެންބަރުން ރަނގަޅަށް ހާޒިރުވުން މުހިންމުކަމަށެވެ.

