ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް މުހައްމަދު ޝަފީގު މަމްދޫހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރްސީއެމް ޝަފީގު އައްޔަނުކުރުމަށް ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓާއިއެކުއެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރުންގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި، ކުރިމަތިލީ ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ ޝަފީގާއި، މުހައްމަދު ފާރިސް ތޯހާގެ ނަމެވެ.
މި ދެބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ފާރިސްގެ ނަން ފާސްނުކުރުމަށް ނިންމީ، އޭނާއާއި ގުޅޭ ގޮތުން މަޖިލީހަށް ލިބުނު ޝަކުވާތަކަކާއި ގުޅިގެންނެވެ. އެގޮތުން އޭނާގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އޭނާގެ އަނބިމީހާވެސް މި ތުހުމަތުތައް ދޮގުކުރެއެވެ.
އެހެން ނަމަވެސް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ހަމައެކަނި ޝަފީގުގެ ނަމެވެ. ޝަފީގަށް ލިބިފައިވަނީ 83 މާކްސްއެެވެ. ފާރިސްއަށް ލިބިފައިވަނީ 53 މާކްސްއެވެ. ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށްޓަކައި 75 މާކްސްއަށްވުރެ މަތިން މާކްސް ބޭނުންވެއެވެ.

