މީޑިއާ ރެގިއުލޭޓަރީ ބިލް ފާސްކުރުމުގެ ކުރިން، މީޑިއާގެ ކަންބޮޑުވުންތަކަށް މަޖިލީހުން ރިއާޔަތްކުރާނެކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ. އަޒާން މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަޒާން ވިދާޅުވިގޮތުގައި، މީޑިއާ ރެގިއުލޭޓަރީ ބިލާ ގުޅޭ ގޮތުން ނޫސްވެރިން ފާޅުކުރާ ކަންބޮޑުވުންތަކަކީ މުހިއްމު ކަންބޮޑުވުންތަކެކެވެ. މި ކަންބޮޑުވުންތައް އުފެދެނީ ބިލުގައި ހުރި އުސޫލުތައް ސާފުނުވުމާއި، ހަރުކަށި ޖޫރިމަނާތަކާއި އަދަބުތައް ނުހައްގުން ބޭނުންކުރެވިދާނެތީކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބިލަކީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ބިލެއްކަމަށް އަޒާން ފާހަގަކުރެއްވިއެވެ. މިގޮތުން، ޕްރިންޓް އަދި ބްރޯޑްކާސްޓް މީޑިއާތައް ރެގިއުލޭޓްކުރުމަށް މިހާރު ހުރި ދެ ކޮމިޝަނުގެ ބަދަލުގައި އެއް ކޮމިޝަނެއް އުފެދިގެންދާނެއެވެ. އައު ކޮމިޝަނުގައި 7 މެމްބަރުން ހިމެނޭނެ ކަމަށާއި، އޭގެ ތެރެއިން 4 މެމްބަރުންނަކީ މީޑިއާއިން ހޮވާ މެމްބަރުންނެވެ. އަދި 3 މެމްބަރުންނަކީ ސަރުކާރުން ހޮވާ މެމްބަރުންނެވެ.
އަޒާން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ބިލާއެކު ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލަތައް ބެލުމަށް މީޑިއާއިން އިންތިހާބުކުރާ ހަތަރު މެމްބަރުންގެ މައްޗަށް އެކުލެވޭ ދާއިމީ ޝަރީއަތް ހިންގާ ކޮމިޓީއެއްވެސް ގާއިމުކުރެވިގެންދާނެއެވެ. އަދި މީޑިއާ ރަޖިސްޓްރޭޝަން ސަރުކާރުގެ މިނިސްޓްރީއެއްގެ ބެލެހެއްޓުމުގެ ދަށުން އައު ކޮމިޝަނަކަށް ބަދަލުވެގެންދާނެއެވެ.
އަޒާން އަދި ވިދާޅުވީ، މި ބިލް ފާސްކުރުމުގެ ކުރިން މީޑިއާގެ ކަންބޮޑުވުންތަކަށް މަޖިލީހުން ރިއާޔަތްކުރާނެ ކަމަށެވެ.

