ސަރުކާރަށް އަބަދުވެސް މުހިންމުވާނީ ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބަލައި، އެކަންކަން ފުރިހަމަކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެރިދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނާއި ހަމައަށް ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ލިބުނު ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވާނީ ސަރުކާރުން އަބަދުވެސް ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއިން އެކަން ހައްލު ކުރުމަށްކަމަށް ރައީސް ވިދާޅުވި އެވެ.
ފެރިދޫގައި ގިނަ ބައްދަލުވުންތައް ކުރިޔަށް ގެންދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ. އަދި ސަރުކާރާއި އެމަނިކުފާނަށް މުހިންމު ވާނީ އެ ވައުދުތައް ފުއްދައި ރައްތިތުން އެދޭކަންކަން ހާސިލުކޮށްދިނުމުގައިކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ރަށްތަކަށް ދަތުރު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މިފަދަ ކަންބޮޑުވުންތަކަށް އެންމެން އެކުގައި ތިބެ ހައްލު ގެނެވޭނެ ގޮތަކާއި މެދު މަޝްވަރާ ކުރުމަށެވެ. އަދި ބޮޑެތި ޓީމުތައް އެކުގައި ދަތުރު ކުރާ މައިގަނޑު އެއް ސަބަބަކީ އެއީކަމަށް ވިދާޅުވި އެވެ. އެއީ ރަށުގެ ސްކޫލު ނުވަތަ، ކައުންސިލް އިދާރާއާއި ވަކިވަކި ރައްޔިތުން ނުވަތަ އެކި ކުންފުނިތަކުގެ މަސައްކަތްތައް ވެސް ހިމެނޭ ގޮތަށްކަމަށް ރައީސް ވިދާޅުވި އެވެ.
މި ބައްދަލުވުންތައް ކުރިޔަށް ގެންދާއިރު، ކަންބޮޑުވުންތައް ހުށަހަޅައި ނިމުމުން މަޝްވަރާކޮށް އަނެއްކާވެސް ވަކިވަކީން އިތުރު ކަންކަން ފާހަގަކުރުމަށް އޮތްތޯ ބައްލަވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުން ގާތަށް އަޅުގަނޑު މި އަންނަނީ.. ރައްޔިތުންނާއި ރައްޔިތުން އެދޭ ކަންކަންކޮށްދިނުމަށް.. ރައްޔިތުންގެ ފަޅީގައި މި ސަރުކާރު އަބަދުވެސް އޮންނާނީ.. އަޅުގަނޑަށް އަބަދުވެސް މުހިންމުވާނީ ވައުދުތައް ފުއްދުމަށާއި ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަށް. އަދި ދެ ކަންތައް ދިމާ ކުރުމަށް
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އާންމު ގޮތެއްގައި ރަށުގެ އެކި ކަންބޮޑުވުންތައް ހިފައިގެން ރައީސް އޮފީހަށް ނުވަތަ ކުންފުންޏަކާއި މިނިސްޓްރީއަކަށް ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން މި ދަތުރުތަކުގެ ސަބަބުން އެކަމަށް އެދެވޭ ހައްލެއް ގެނެވޭކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުން އެދޭ ކަންކަން ފުރިހަމަކޮށްދީ، ސަރުކާރުން ބޭނުން ވަނީ ރަށާއި އެކު އެ އުފަލެއްގައި ބައިވެރިވުމަށްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިގޮތަށް ސޮއި ކުރާ މަޝްރޫއުތައް ނިމި އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަކީ އެންމެ ބޭނުންވެލައްވާ ގޮތް ކަމަށެވެ.

