އއ. ފެރިދޫގަައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހްކޮށްފިއެވެ.
ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އއ. ފެރިދޫއަށް ކުރެއްވި ދަތުރުފުޅުގައި، ރައީސް ވަނީ، ފެރިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައެވެ. އެގޮތުން، މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި، އެމްޑަބްލިއުއެސްސީގެ އެމްޑީ އަބދުލް މަތީން މުހައްމަދުއާއި ދައުލަތުގެ ވަޒީރުންގެ އިތުރުން، އެ ރަށުގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ފެރިދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތަކާއި ހަވާލުކުރެވުނީ، އެމްޑަބްލިއެސްސީއަށެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ފެރިދޫގައި،
- ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމުކުރުން
- ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް
- ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން
- ފެންރައްކައު ކުރުމަށް ތާންގި
- ބޯހޯލް ތޮރުފުން
- ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ގާޢިމުކުރުން
- ގޭބީސީތަކުގެ ޖަންކްޝަން ބަހެއްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ގުޅާލުން
- އަދި، ނަރުދަމާ ނިޒާމު ހިންގާ، ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް، މި މަޝްރޫއުގެ ދަށުން ވަނީ ފޯރުކޮށްދެވިފައެވެ.
މީގެއިތުރުން، މި މަޝްރޫއުގެ ޖުމްލަ އަގަަށް ބަލާއިރު، 69.33 މިލިއަން ދިވެހި ރުފިޔާ އަރައެވެ.
މި މަޝްރޫއުގެ ސަބަބުން، ފެރިދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.

