ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތައް މާލީގޮތުން ބާރުވެރިކުރުވުމަށް ރައީސް ވީ ވަޢުދު ފުއްދައިފި، މީޑިއާ ގްރާންޓް އިއުލާންކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އަމިއްލަ މީޑިއާތަކަށް މާލީގޮތުން ބާރުވެރިކަން ލިބި، މިނިވަން ނޫސްވެރިކަމެއް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް،  މީޑިއާ ގްރާންޓް އިޢުލާންކޮށް، މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު ވަނީ ގެޒެޓްކޮށްފައެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ލިބިގެންދިޔަ އެންމެ މުހިންމު ކުރިއެރުންތަކުގެ ތެރެއިން އެއް ކުރިއެރުމެވެ.

ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް ނުވަތަ 27.9 މިލިއަން ރުފިޔާ، އަމިއްލަ މީޑިއާތަކަށް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އާންމު އުޞޫލަކީ 3 ޕޭމަންޓަކަށް ބަހާލައިގެން ދޫކުރުން ކަމަށް ވިޔަސް، މިއަހަރު ކޮންމެ މީޑިއާއަކަށް ވެސް ލިބޭ މިންވަރު ގަނޑުކޮށް 1 ޕޭމަންޓުގެ ގޮތުގައި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިއެހީގެ އެންމެ މުހިންމު މަޤްޞަދަކީ، ނުފޫޒުން އެއްކިބާވެ، މިނިވަން ނޫސްވެރިކަމެއް ކުރުމަށް މީޑިއާތަކަށް ހިތްވަރު ދިނުމާއި، މާލީގޮތުން ފުދުންތެރި މީޑިއާތަކެއް ބިނާކުރުމެވެ.

ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އަމިއްލަ ކޮންމެ މީޑިއާއަކަށް ވެސް މި ގްރާންޓަށް ކުރިމަތިލެވޭނެއެވެ. މާލީ އެހީތެރިކަން ލިބުމަށްޓަކައި ފުރިހަމަވާންޖެހޭ އެންމެ މުހިންމު ޝަރުތުތަކުގެ ތެރޭގައި، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއަކަށްވުމާއި، ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުން ހިމެނެއެވެ.

މީގެއިތުރުން، މެދުނުކެނޑި ޚިދުމަތް ދޭތާ 3 އަހަރު ވެފައިވުމާއި، އާންމުންނަށް މުޢާމަލާތު ކުރެވޭނެެވޭނެ ގޮތެއް ހުރުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި ކޮންޑަކްޓް ޝާއިޢުކޮށްފައި އޮތުން ވެސް ޝަރުތުވެއެވެ. ޓެކުހާ ގުޅޭ ޒިންމާތަކާއި ޕެންޝަން ސްކީމަށް ފައިސާ ދެއްކުން، އަދި މުވައްޒަފުންގެ މުސާރަ ބޭންކު މެދުވެރިކޮށް ދެއްކުން ވެސް މި ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މަސްއޫލު ފަރާތަކީ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ، އެ ދަރަނި އަދާކުރަމުން ދާ ފަރާތެއް ކަމުގައި ވުމީވެސް އުޞޫލުގައި ބަޔާން ކުރާ ޝަރުތެކެވެ.

މާލީ އެހީ ދިނުމަށްޓަކައި އޮންލައިން ޕޯޓަލްއެއް ޤާއިމުކުރެވިފައި ވާއިރު، ޕްރޮޕޯޒަލް ހުށަހެޅުމާ ހަމައިން ފެށިގެން ފައިސާ ދޫކުރުމާ ހަމައަށް ހުރިހާ ކަމެއް ބަލަހައްޓާނީ މިޕޯޓަލްގައެވެ. މި ޕޯޓަލްގެ އެންމެ މުހިންމު އެއް ކަމަކީ، ޕްރޮޕޯޒަލް ހުށަހަޅަމުން ދާ އިރު އެ ފަރާތަކަށް ލިބޭ ވަގުތީ ޕޮއިންޓް ވަގުތުން ފެންނަން ހުންނާނެ ކަމެވެ. މީގެ އިތުރުން ޕްރޮޕޯޒަލް އިވެލުއޭޓްކޮށް ނިމުމަށް ފަހު، އިތުރު ކަމެއް ފާހަގަކުރަން ބޭނުންނަމަ އެކަމަށް އެދެވޭނެ ގޮތާއި، އެ ޕްރޮޕޯޒަލަކާ މެދު ޝަކުވާއެއް ކުރަން ބޭނުންވާ މަސްލަހަތެއް އޮތް ފަރާތްތަކަށް އެ ފުރުޞަތުވެސް ދެވޭ ގޮތަށް ޕޯޓަލް ވަނީ ތައްޔާރުކުރެވިފައެވެ.

މި މަރުޙަލާގައި ލިބޭ ޝަކުވާތައް ބަލައި ޢަމަލުކުރާނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރަކާއި، މީޑިއާ ކައުންސިލްގެ މެންބަރެއްގެ އިތުރުން މީޑިއާ އެސޯސިއޭޝަނެއްގެ މެންބަރަކާއި މާލީ ވުޒާރާގެ މެންބަރަކާއި ކަމާގުޅޭ މިނިސްޓްރީގެ މެންބަރަކު ހިމެނޭ ގޮތުން އެކުލަވާލައިފައި އޮންނަ ކޮމިޓީއަކުންނެވެ.

މި އުޞޫލުގައި ބަޔާންކޮށްފައި ވާ ގޮތުން، އެ މީޑިއާއަކަށް ލިބޭ ޖުމްލަ ޕޮއިންޓާއި ލިބޭނެ ޖުމްލަ ފައިސާގެ ޢަދަދު އާންމުކޮށް ފެންނަން އޮންނާނެއެވެ. އަދި ޕްރޮޕޯޒަލް އިވެލުއޭޓްކޮށް ނިމޭތާ ލަސްވެގެން 7 ދުވަހުގެ ތެރޭގައި އެ މީޑިއާއަކަށް ލިބޭ ފައިސާ އެ މީޑިއާގެ އެކައުންޓަށް ޖަމާވެގެން ދާނެއެވެ. މާލީ އެހީތެރިކަން ލިބުމަށް ހުށަހަޅާ ޕްރޮޕޯޒަލްއަށް މަދުވެގެން 60 ޕޮއިންޓް ހަމަވާން ޖެހޭނެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރަށް ވާއިރު، ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު މަޤްޞަދަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް ނުވަތަ ރިޕޯޓާއި ޚަބަރު ފަތުރައި، ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރުކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުޞަތުތައް ވެސް ފަހިވެގެންދާނެ ދާއިރާއަކަށް ނުވަތަ އިންޑަސްޓްރީއަކަށް ހެދުމަކީ ވެސް މިފަދަ އެހީއެއް ފޯރުކޮށްދިނުމުގެ މަޤްޞަދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: