ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ރައީސަކު އދ.ގެ އާއްމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ނިންމަވާފައި ވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ސަންގަށް މައުލޫމާތު ދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައވެ.
ރައީސް ސޯލިހް އދ.ގައި ތަގުރީރުކުރެއްވުމަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަހަރު ރާއްޖެއިން ތަގުރީރުކުރުމަށް ހަމަޖެހިފައި ވަނީ، އދ.ގެ އާންމު ބަހުސް ފަށާ ދުވަހުއެވެ.
މީގެ ކުރިން ރާއްޖެއިން އެހާ ކުރީގައި ތަގުރީރުކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
އާންމުގޮތެއްގައި އާންމު ބަހުސް ފަށަނީ ބްރެޒިލްއިންނެވެ.
އދ.ގައި ތަގުރީރުކުރެއްވުމުގެ ކުރިން މޫސުމީ ބަދަލުތަކާއި ގުޅޭ ސަމިޓްގައި ރައީސް ސޯލިހް ތަގުރީރުކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިއެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހު މަހަކު އެއްފަހަރު ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެންމެފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

