ބުރާސްފަތި ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތައިލެންޑުގެ ބެންކޮކަށް ދާން ފުރި އެއާއޭޝިއާގެ މަތިންދާބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވެ، އިންޖީނުގައި ރޯވި މައްސަލަ ތަހުގީގު ކުރަމުންދަނީ މެލޭޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ގުޅިގެންކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:15 ގައި އެއާ އޭޝިއާގެ ބޯޓު ވީއައިއޭއިން ފުރާފައިވަނީ 64 ފަސެންޖަރުންނާއި އެކުއެވެ. އިންޖީނުގައި ރޯވެފައި ހުރިކަން، ބޯޓުގެ ކްރޫއިންނަށް އިހުސާސް ކުރެވުނީ ބޯޓު ނައްޓާލިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. އެއާއި އެކު، ވީއައިއޭ ކުއްލި ހާލަތަށް ގެނެސް އެމެޖެންސީގައި ބޯޓު ޖެއްސުމަށް މަތީގައި ވިއްސަކަށް މިނިޓުވަންދެން ބުރު ޖެހިއެވެ. މައުލޫމާތު ލިބިފައިވާގޮތުން އެއީ ބޯޓުގެ ތެޔޮ މަދުކުރުމަށް ”ފިއުލް ޑަޕް ކުރުމަށް“ ބޯޓު މަތީގައި ހިފެހެއްޓީއެވެ.
މިއީ އިންޖީނުގައި ރޯވެގެން ފަހުގެ ތާރީހެއްގައި ވީއައިއޭއަށް ބޯޓެއް ޖައްސަން ޖެހުނު ފުރަތަމަ ފަހަރެވެ. އެއާލައިންތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކާއި، އަދި އެފަދަ ހާދިސާތައް ޓްރާންސްޕޯޓު މިނިސްޓްރީގެ ސިވިލް އޭވިއޭޝަނުން ތަހުގީގު ކުރަމުން އަންނައިރު، ބޯޓު އަދިވެސް އޮތީ ވީއައިއޭގައެވެ. އެ ހާދިސާގެ ތަހުގީގު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މީޑިއާތަކަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ”ނުވަގަޑި ސައި“ ޕްރޮގްރާމުގައި ޗީފް އެގްޒެކެޓިވް ހުސެއިން ޖަލީލް ވިދާޅުވީ އެކަން ބަލަމުން އަންނަނީ މެލޭޝިއާގެ ވެސް ސިވިލް އޭވިއޭޝަންއާއި ގުޅިގެންކަމަށެވެ. އެގޮތުން އެ ގައުމުގެ ޓިމެއް ރާއްޖެ އައިސްފައިވާކަމަށް ޖަލީލް ވިދާޅުވިއެވެ.

މިއީ މިފަދަ މައްސަލައެއް އެއާ އޭޝިއާއަށް ދިމާވި ފުރަތަމަ ފަހަރު ނޫންކަމާއި، އަދި އާއްމުގޮތެއްގައި ވެސް އެއާ އޭޝިއާ އާއި ގުޅޭ ޝަކުވާތައް ފެންމަތިވާކަން ”ސަންގުން“ އިން ފާހަގަކުރުމުން ޑެޕިއުޓީ މިނިސްޓަރު ހަމަދް އަބްދުލް ޣަނީ ވިދާޅުވީ ދެކެވޭ ކޮންމެ ވާހަކައަކީ ހަގީގަތަކަށް ނުވެދާނެކަމަށެވެ. ހާދިސާއެއް ދިމާވުމުން، އެކަން އަބަދުވެސް ސިވިލް އޭވިއޭޝަނުން ތަހުގީގު ކުރާ ކަމަށާއި އެކަމުގެ ރިޕޯޓުވެސް އާއްމު ކުރާކަމަށް އޭނާ ވިދާޅުވި.
ޖަލީލް ވިދާޅުވީ ބޯޓު ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ހިފަހައްޓާފައި އޮތްކަމަށް ބުނާ ވާހަކަ އެއީ އަދި މުޅިން ތެދު ވާހަކައެއް ނޫންކަމަށެވެ. ބޯޓަށް ދިމާވީ މައްސަލައަށްފަހު، ބަލަންޖެހޭ ބައެއް ކަންތަކަށް ވީއައިއޭގައި ޕާކުކޮށްފައި އޮތީކަމަށެވެ. އެހެން ކަމުން އެކަމާއި ގުޅިގެން ފިޔަވަޅެއް އަޅާ އެފަދަ އެއްވެސް ކަމެއް ނުހިނގާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފާން ރޯވެފައިވަނީ ބޯޓުގެ ކަނާތްފަރާތު އިންޖީނުގައެވެ. މަންޒަރު ދުށް ބައެއް މީހުން ބުނެފައިވަނީ އަލިފާންގަނޑު ފެނުނީ ބޯޓުން އިވުނު ގަދަ އަޑަކާއި އެކު އެވެ. ނަމަވެސް، އޭގެ 22 މިނިޓު ފަހުން ބޯޓު ޖެއްސިއިރު އަލިފާނުގެ އަސަރެއް ނެތެވެ. އެއާއޭޝިއާ އިން ބުނީ ދިމާވި މައްސަލަޔާ ހެދި ކެންސަލްކުރަން ޖެހުނު ފްލައިޓްގެ ފަސިންޖަރުން، އަނެއް ދުވަހު އެކި ފްލައިޓްތަކުގައި ފޮނުވާލާފައިވާ ކަމަށެވެ. މައްސަލަ ދިމާވި ބޯޓުން ދަތުރުކުރި ގިނަ މީހުންނަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދިޔަ ޓޫރިސްޓުންނެވެ. ބޯޓުގައި އެވަގުތު 8 ދިވެހިންވެސް ތިއްބެވެ.

