ޗެނަލަކުން ހިންގަމުންދާ ޕްރޮގްރާމެއް ހުއްޓުވާލުމުގެ ފުރުސަތު މިހާރުވެސް ގާނޫނުގެ ތެރެއިން އޮތްއިރު އެފަދަ އަމަލެއް ސަރުކާރުން ނުހިންގާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރޭ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
މީޑިއާ ރެގިއުލޭޝަން މަސައްކަތްތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމްވަނީ ސޯޝަލްމީޑިއާގައި ވަނަވަރު ކަށަވަރުނުވާގޮތަށް އައިޑީތައް ހަދައިގެން ހަރަކާތްތެރިވާ މީހުންގެ މައްސަލައިގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި ކުރުސީގެ ނަމުގައި އައިޑީއެއް ހަދައިގެން ގިނަ މައުލޫމާތުތަކެއް ފަތުރަމުންދާކަމަށް އިޝާރާތްކުރައްވާ މެމްބަރުވަނީ އެ އައިޑީއިން ސޯޝަލްމީޑިއާގައި މައުލޫމާތުތަކެއް އާންމުކުރުމުން ތެދު ދޮގު ބެލުމެއް ނެތި ނޫސްތަކުން އެ މައުލޫމާތު ފެތުރުމަކީ ރަނގަޅު އަމަލެއްތޯ ސުވާލު އުފައްދަވާފައެވެ.
ނޫސްވެރިންނަށްވެސް އެއީ ކާކުކަން ނޭނގޭކަމަށް ފާހަގަކޮށް މެމްބަރުވަނީ މަސްދަރު ކަށަވަރުނުވާ މައުލޫމާތު ފެތުރުމަކީ ނޫސްވެރިންގެ ފަރާތުން ފެނިގެންދާން ރަނގަޅު އަމަލެއްތޯ ސުވާލުކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ބައެއް މީހުންގެ އަބުރު ކަތިލެވިގެންދާއިރު އެކަމަކީ ރެގިއުލޭޝަން މަސައްކަތްތައް މުހިންމުވެގެންދާ އެއް ސަބަބުކަމަށާއި އެފަދަ އެތައް ސަބަބެއް އޮތްކަމަށްވެސް އިޝާރާތްކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވީ، ބިލުގެ ބޭނުމަކީ މައްސަލައެއް ބަލަން ފަށާ ހިސާބުން ނޫހެއް ނޫނީ ޗެނަލްއެއް ސަސްޕެންޑުކުރުން ނޫންކަމަށާއި އެފަދަ އަމަލެއް ހިންގަން މަސައްކަތްތަކެއް ކުރަމުން ނުދާކަމަށެވެ. އަދި ބިލުގައި ހިމަނާފައިވަނީ ޖަވާބުދާރީކުރުވޭނެ މަގެއް ފަހިކޮށްފައި ބޭއްވުމަށްކަމަށާއި ފުލުހުން މެދުވެރިކޮށް ޕްރޮގްރާމެއް ހުއްޓުވާލުމުގެ ފުރުސަތު އޮތްނަމަވެސް މިހާތަނަށް އެފަދަ ފިޔަވަޅެއްވެސް އަޅާފައިނުވާނެކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މިހާރުވެސް ގާނޫނުއަސާސީގައި އެފަދަ ބާރުތައް ލިބިދީފައިވާކަމަށާއި އެހެންނަމަވެސް އެފަދަ ގޮތަކަށް ސަރުކާރުތަކުން އަމަލުނުކުރާކަމަށެވެ. އަދި ގާނޫނުގައި ނޫސްތަކަށް ހަމަތަކެއް ކަނޑައެޅިފައިވާއިރު މަސައްކަތްތައް ކުރެވެމުންދަނީ އޮތް ގޮތަށްތޯވެސް ސުވާލު ކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވީ، މިހާތަނަށް ޗެނަލަކުން ޕްރޮގްރާމެއް ހިންގަމުންދަނިކޮށް ގާނޫނާއި ހިލާފުވެއްޖެކަމަށްބުނެ ފުލުހުން ވަދެ ހުއްޓުވާފައިނުވާނެކަމަށާއި މައުލޫމާތު ހާމަކުރަންޖެހޭނެ ގޮތަށް މާއްދާއެއް ހިމަނާފައިވާއިރު އެ މައުލޫމާތަކީ އާންމުކުރަންޖެހޭ އެއްޗެއް ނޫންކަމަށާއި ހިއްސާކުރަންޖެހެނީ މީޑިއާތަކުގެ ހިމާޔަތުގައި އޮންނަ ކޮމިޝަނަކަށް ކަމަށް އިޝާރާތްކުރެއްވިއެވެ.

