އެސްޓީއޯ އަދި މަކިޓާގެ ދެމެދު ގާއިމުކުރެވިފައިވާ ގުޅުމުގެ ތެރެއިން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރެވިފައިވާކަމަށް އެ ކުންފުނީގެ ޑިރެކްޓާރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އިނާޔަތު
އެސްޓީއޯ އަދި މަކިޓާ ދެމެދު ވިޔަފާރީގެ ގުޅުން ގާއިމުވެފައިވާތާ 25 އަހަރު ފުރިގެންދިއުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ވާހަކަދައްކަވަމުން އިނާޔަތު ވިދާޅުވީ، މި މިންވަރަށް ދިގު މުއްދަތަކަށް ގުޅުން ދެމެހެއްޓިފައިވުމަކީ ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަމަށެވެ. މަކިޓާ ދެމެދު ވިޔަފާރީގެ ގުޅުން ގާއިމުކުރެވިގެންދިޔައި 90ގެ އަހަރުތަކުގެ ފަހުކޮޅުގައިކަމަށް އިޝާރާތްކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެ ދުވަސްވަރުގައި ޕަވާރޓޫލްސްއަކީ ރާއްޖޭގެ މާކެޓުގައި ފަސޭހައިން ލިބެން ހުރި ވަސީލަތްތަކެއް ނޫންކަމަށާއި ބައިނަލްއަގުވާމީ މާކެޓުގައި ބަލައިގަނެފައިވާ ޕަވާޓޫލްސް ބްރޭންޑުތަކުގެ ތެރެއިން ރާއްޖޭގެ މާކެޓަށް ތައާރަފްކުރެވުނު އެންމެ ފުރަމަތަ އެއް ބްރޭންޑަކީ މަކިޓާކަމަށްވުމުން ފަހުރުވެރިވެވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން އެޅިގެންދިޔަ ފިޔަވަޅުތަކުގެ ސަބަބުން އާދަޔާ ހިލާފު ނަތީޖާތަކެއް ނެރިފައިވާކަމަށާއި މިއަދު ރާއްޖޭގައި މަކިޓާއަކީ ކޮންމެ ގޭބިސީއެއްގައިވެސް މީހުން ދަންނާނެ ނަމެއް ކަމަށެވެ. އަދި ރާއްޖޭގައި އެ ބްރޭންޑަކީ ހާޑްވެއާރގެ އިތުރުން ޕާވާޓޫލްސްގެ ދާއިރާއިން އެންމެ ކުރީގައި އޮތް ބްރޭންޑުކަމަށްވެސް ހިއްސާކުރެއްވިއެވެ.
އިނާޔަތު ވިދާޅުވީ، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެސްޓީއޯ އަދި މަކިޓާގެ ދެމެދު ގާއިމުކުރެވިފައިވާ ގުޅުން ރާއްޖޭގެ ކޮސްޓްރަކްޝަން ދާއިރާއިން ކުރިއެރުންތަކެއް ހާސިލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށޭވެ. އަދި މި ގުޅުމުގެ ތެރެއިން ރާއްޖޭގެ އަތްތެރިކަމުގެ ދާއިރާ ކުރިއަރުވައި އުފެއްދުންތެރިކަންވެސް އިތުރުކޮށްދީފައިވާކަމަށެވެ. މި ގުޅުމުގެ ތެރެއިން ކޮންސްޓްރަކްޝަން ދާއިރާގައި ކޮލިޓީ މަސައްކަތްތަކެއް ކުރުމަށް މަގުފަހިކޮށްފައިވާކަމަށެވެ. މި ގުޅުން ގާއިމުކުރެވިފައިވަނީ ދެމެހެއްޓިނިވި ގޮތެއްގައި އިތުބާރު ގާއިމުކުރެވިގެންކަމަަށްވެސް ހިއްސާކުރެއްވިއެވެ.

