މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއު އިތުރަށް ހަލުވިކުރުމަށްޓަކައި، ތިން ޑްރެޖަރެއް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައި ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.
ގްރޭޓަރ މާލެ އޭރިއާގައި ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ހުޅުމާލެ ފިޔަވަހި 3، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅުގައި ޖުމްލަ 478 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރެއިން ހުޅުމާލެ ފިޔަވަހި 3 ގައި 63 ހެކްޓަރު، ގުޅީފަޅުގައި 192 ހެކްޓަރު، ގިރާވަރު ފަޅުގައި 73 ހެކްޓަރު އަދި އުތުރުތިލަފަޅުގައި 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ތިން ޑްރެޖަރުގެ ތެރެއިން ދެ ޑްރެޖަރަކީ 45،000 ޓަނުގެ ހޮޕަރ ޑްރެޖަރެވެ. އަދި ތިންވަނަ ޑްރެޖަރަކީ 11،000 ޓަނުގެ ހޮޕަރ ޑްރެޖަރެކެވެ.
މި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ އެކި ކުންފުނިތަކާ ހަވާލުކުރެވިފައެވެ. އެގޮތުން ހުޅުމާލެ ފިޔަވަހި 3 ގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއި، ގުޅީފަޅުގެ މަސައްކަތް ބޮސްކަލިސް ވެސްޓްމިންސްޓަރ އާއި، ގިރާވަރު ފަޅުގެ މަސައްކަތް ބޮސްކަލިސްއާއި ސީއެމްސީގެ ޖޮއިންޓް ވެންޗަރއާ ހަވާލުކުރެވިފައިވާއިރު، އުތުރުތިލަފަޅުގެ މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުންނެވެ.
މި މަޝްރޫއުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، ދިމާވެދާނެ ގޮންޖެހުންތައް ކުރިޔާލާ ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެ ގޮންޖެހުންތައް ހައްލުކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތްކުރަމުންދާ ކަމަށްވެސް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. މި މަޝްރޫއުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ވަޢުދު ފުއްދުމަށް ކުރެވޭ މަސައްކަތްތަކެކެވެ.

