ސަރުކާރުން ބޭނުންވަނީ ނޫސްވެރިކަމުގެ ދާއިރާ މިނިވަންކުރަންކަމަށާއި މިހާރު އޮތީ ނުފޫޒެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިން ސެލްފް ރެގިއުލޭޓްކުރާ ނިޒާމެއްގެ ތެރެއިން ހަރަކާތްތެރިވުމާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބްރާހިމް ވިދާޅުވީ، ޖޫރިމަނާތަކެއް ނުކޮށް ނޫނީ ނޫސްވެރިންެގެ ވާހަކަ ނުދައްކާ ބައެއް ފަރާތްތަކުން އެ ނަމުގައި ހިންގަމުންދާ ނޭދެވޭ އަމަލުތަކަށް ހައްލެއް ގެނެވެން އޮތްކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި އެގޮތުގެ މަތިން އަބުރު ކަތިލަމުން ގޮސް މަގުމަތި ނުވާ އެކަކުވެސް ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހުރިކަން ޔަގީން ނުކުރެއްވޭކަމަށެވެ.
މެމްބަރު ވިދާޅުވީ، އެހިސާބަށް ކަންކަން ދިޔައިރުވެސް މީޑިއާތަކާއި ގުޅޭގޮތުން އެއްވެސް ވާހަަކައެއް ދެކެވިފައިނުވާކަމަށާއި މިހާރު އެ ނަމުގައި ގައުމު ހަލާކު ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އިބްރާހިމް ވިދާޅުވީ، މިހާރު ދިވެހި ގައުމުގެ އަބުރު ކަތިލުމާއި އަނދަވަޅަކަށް ވައްޓާލުމުގެ އިތުރުން އިގްތިސާދު ފުނޑާލުމަށްވެސް ބައެއް މީޑިއާތަކުން މަސައްކަތްކުރާކަން ފާހަގަކުރެއްވޭކަމަށެވެ.
އިބްރާހިމް ވިދާޅުވީ، މީޑިއާ ކައުންސިލަށް ނޫސްވެރިން ޒިންމާދާރުކުރެވޭކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ދާދި ފަހުން އެ މުއައްސަސާއިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ނުޖެހޭނެކަމަށް ބުނެ ބަޔާނެއް ނެރިފައިވުންކަމަށް އިޝާރާތްކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ގޮތުން ބިލެއް ހުށައެޅިފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވާއިރު އެ މުއައްސަސާއަށް ޖަވާބުދާރީނުވާ އެއްވެސް އެހެން އިދާރާއެއް ދިވެހިރާއްޖޭގައި ނެތްކަމަށެވެ. މިގޮތުން ފަނޑިޔާރުގެތަކުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އަދި މިނިވަން މުއައްސަސާތަކުންވެސް މަޖިލީހަށް ޖަވާބުދާރީވާންޖެހޭކަމަށެވެ.
މެމްބަރު ވިދާޅުވީ، މީޑިއާ ކައުންސިލުން ހިންގި އެ އަމަލުގެ ސަބަބުން ރާއްޖޭގައި މިނިވަން ނޫސްވެރިކަން އޮތުމަށް އެ ކައުންސިލުން ބޭނުން ނުވާކަން ހާމަވާކަމަށާއި ސަރުކާރުން މަސައްކަތްކުރަމުންދަނީ ނޫސްވެރިންނާއި އެ ދާއިރާ މިނިވަން ކުރުމަށްކަމަށް ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ، މިހާރު އެ ދާއިރާ އޮތީ ކޮންމެވެސް ނުފޫޒެއްގެ މަތީގައިކަމަށާއި މިހާރު އޮތީ ފައިސާ ދިން ކޮންމެ މީހަކުވެސް ބުނި އެއްޗެއް ޖަހާ ގޮތަށްކަމަށެވެ.
އިބްރާހިމް ވިދާޅުވީ، ފައިސާ ދީފި މީހަކު ދިން ވަރަކަށް ބުނި ގޮތަކަށް ނޫސްތަކުގައި މައުލޫމާތު ޖަހައިދޭކަމަށާއި އެއީ ހުއްޓުމަކަށް ގެންނަންޖެހޭ އަމަލެއްކަމަށެވެ. އަދި ފައިސާ ދިނަސް ނުދިނަަސް އިންސާފުވެރިކަމާއިއެކު ދެފުށް ފެންނަ ގޮތަށް ތެދު މައުލޫމާތު ހާމަކުރަންޖެހޭކަމަށާއި ރާއްޖޭގައި ރަނގަޅު ނޫސްވެރިކަމުގެ ދާއިރާއެއް އުފެދިގެންދާނީ އެ ބީދައިން މަސައްކަތްކޮށްގެންކަމަށެވެ.
މެމްބަރު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ނޫސްވެރިކަމުގެ ތެރެއަށް ފައިސާވެސް ވަންނަކަމަށެވެ. އަދި އެ ގައުމުތަކުގައި ފައިސާއަށް ބޭނުންވާ އެއްޗެއް ހިއްސާކުރާއިރު ގައުމާއި ސަރުކާރު އަދި އިސްވެރިންގެ އަގު ވައްޓާލުން ފަދަ އަމަލުތައް ހިންގާކަމަށެވެ.
އަލަށް އެކުލަވާލާ ކޮމިޝަނުގެ މެމްބަރުންގެ ތެރޭގައި ރައީސް އައްޔަނުކުރާ ބަޔަކު ތިބޭނެކަމުގެ މައްޗަށް އަލިއަޅުއްވައި މެމްބަރުވަނީ ރައްޔިތުން ރައީސްގެ އަތްމައްޗަށް ބާރުވެރިކަން ލިބިގެންދާ ގޮތަށް ނިންމާފައިވަނީ ކޮން ސަބަބަކަށްޓޯ ސުވާލުކުރައްވާފައެވެ. އިބްރާހިމް ވިދާޅުވީ، އެކަން ރައްޔިތުން ފަހިކޮށްދީފައިވަނީ ރާއްޖޭގެ ކަންކަން ވަކި އުސޫލެއްގެ މަތީ ހިފެހެއްޓުމަށްޓަކައިކަމަށާއި އެހެންކަމުން ވަކިކަމެއް ނެތި ގައުމުގެ ކަންކަމުގައި ރައީސްއަށް ބަސް ބުނެވެންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

