ބޭންކް އޮފް މޯލްޑިވްސްގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފިއެވެ.
ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާކޮށްފައިވަނީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫ ޒުވާނުންގެ ގުޅުން ޖަމިއްޔާއިންނެވެ.
މި ކްލާސް ތައްޔާރުކޮށްފައި ވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކުރުމާއި، އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެންނެވެ. އަދި ވޭމަންޑޫ ސްކޫލްގެ އަމާޒަކީ މި ކްލާހުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްރޫމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށެވެ.
ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަލްފާޟިލް އަޙްމަދު ޝައުގަތު ވިދާޅުވީ މި މަޝްރޫއުގެ މަޤްސަދަކީ އުގެނުމުގައި ހާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްޞަކުރެވޭ ކުލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތެއް ފަހިކޮށްދިނުންކަމަށެވެ. މި ކްލާސް އިމާރާތްކުރުމުގައި ސްކޫލް އިން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރަކަމަށާއި މި ފުރުސަތުގައި ބޭންކް އޮފް މޯލްޑިވްސްއަށް ހިތުގެ ފުންމިނުން ޖަމިއްޔާ އަދި ވޭމަންޑޫގެ ރައްޔިތުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށްވެސް ވިދާޅުވިއެވެ. އަދި މިޖަމިއްޔާގެ މެންބަރުންނަށާއި އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށާއި މިޕްރޮޖެކްޓް މަސައްކަތްތައް މިހާފުރިހަމަޔަށް އަދި މިހާ އަވަހަށް ނިންމަވާދެއްވީތީވެ ކޮންޓްރެކްޓަރ އަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށް ހިއްސާކުރެއްވިއެވެ.
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިންވަނީ ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފައި ވެއެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ޞަލާޙުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީ ކޮށްފައި ވެއެވެ. މި ދެ މަޝްރޫއިން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދީފައި ވެއެވެ.
މި ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައެވެ.

