ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގުތަކުގެ ”ސޭފްހައުސް“ އަކަށް އެޕާޓްމަންޓުތައް ބޭނުން ކުރާނަމަ ތަނުގެ ވެރިފަރާތަށް ފިޔަވަޅު އަޅާނަން: ފުލުހުން

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެޕާޓްމަންޓުތައް ކުއްޔަށް ހިފައިގެން އެތަނެއްގައި ކުށްކުރާކަން އެނގޭއިރު، އެކަން ހިނގުމަށް މަގުފަހި ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ސަންގުޓީވީގެ ”ތިލަފަތް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ، ގޭންގް ކުށްތަކުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ޖިނާއީ ކުށްތައް މިހާރު ހިންގަނީ ވަރަށް ބޮޑަށް ރާވައި އިންތިޒާމުވެގެންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މީހުން މެރުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، މީހުންނަށް ބޮޑެތި އަނިޔާ ދިނުމާއި، ބިރުދެއްކުން ފަދަ ސީރިއަސް ބޮޑެތި ކުށްތައް އާންމުވަމުންދާކަމަށެވެ.

މީގެ އިތުރުން، ޖިނާއީ ކުށްތައް ކުރުމުގައި ކުޑަކުދިން ބައިވެރި ކުރާ މިންވަރުވެސް އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑަށް ފާހަގަ ކުރެވިފައި އޮތީ ޚާއްސަ ގޮތެއްގައި ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތި ވިއްކުމާއި ޖިނާއީ ބޮޑެތި ކުށްކުރާ ގްރޫޕުތައް ނޫނީ އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުތަކުން ކުޑަކުދިން ލައްވައި މާރާމާރީ ހިންގުމާއި، އެފަދަ ކަންކަން ކުރާކަން.

ޖަމްޝީދު އިތުރަށް ވިދާޅުވީ، މާލޭގައި ޙަރަކާތްތެރިވާ ގޭންގުތަކާއި އަތޮޅު ތެރޭގައި ޙަރަކާތްތެރިވާ ގޭންގުތައްވެސް ވަރަށްބޮޑަށް ގުޅިފައިވާ ކަމަށާއި، އެފަދަ މައްސަލަތައް ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި 1 އަހަރުގެ ތެރޭގައި އެކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެޕާޓްމަންޓުތައް ކުއްޔަށް ނަގައިގެން ގޭންގްތަކުން އެ ތަންތަނުގައި ކުށްތައް އިންތިޒާމު ކުރުމަށް ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަހުން ފާހަގަ ކުރެވޭ ވަރަށް ބޮޑަށް، އެޕާޓްމަންޓު ތަކުގައި ޖަމާއަތް ހަދައިގެން އިންތިޒާމުވެގެން ހިންގާ ކުށްތައް ވަރަށް ބޮޑަށް އޮޕަރޭޓުވެގެން ދާތަން،

ޖަމްޝީދު ވިދާޅުވީ، ގޭންގް ކުށްތަކުގެ އައު ޤާނޫނުގެ ދަށުން ކުރިއަށް އޮތް ތަނުގައި އެ ތަންތަން ކުއްޔަށް ދޭ ފަރާތްތަކާމެދުވެސް ފިޔަވަޅު އެޅޭނެކަމަށެވެ. އެގޮތުން އެ ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވަކި ތަނެއްގައި އިންތިޒާމުވެގެން ހިންގާ ކުށްކުރާކަން އެނގޭ ޙާލު، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުޞަތުއޮވެ، އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، -/100,000 (އެއްލައްކަ) ރުފިޔާއާއި -/300,000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

އޭގެ ތެރޭގައި  އެތަނެއްގެ ވެރިފަރާތް، ކުއްޔަށްހިފައިގެން އުޅޭ ފަރާތް، ނުވަތަ އެތަނެއްގައި އެވަގުތަކު އުޅޭ ފަރާތެއް، ނުވަތަ އެތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެތަނަކާ ޙަވާލުވެހުރި ފަރާތުންވެސް ޒިންމާ ނަގަންޖެހިދާނެއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަމަލު ކުރަން ފަށަނީ 25 އޯގަސްޓު 2025 ގައެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: