އަލަށް އަމަލު ކުރަން ފަށާ ގޭންގް ކުށްތަކުގެ ޤާނޫނުގައި ޙައްޤުތައް ހިފެހެއްޓިފައި ހުރީ އެއަށް ފާރަވެރިވެސް ވެވޭގޮތަށް ކަމަށް ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ތިލަފަތް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިޝަތު ވިދާޅުވީ، ގޭންގް ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނެއް އެކުލަވާލެވި މަސައްކަތް ކުރަމުންދާއިރު، މި ޤާނޫނުގައި ދެ ތަނެއްގައި ގޭންގަކީ ކޮބައިކަން ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ ޤާނޫނުގެ ނަމުގައާއި، ޤާނޫނުގެ 6 ވަނަ މާއްދާގައެވެ.
ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމުގައި ބެލެވޭނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެނޫންވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށް ކަމަށެވެ. އަދި މި މާނައިގެ ތެރޭގައި، ގޭންގު، ކްރިމިނަލް އެންޓަޕްރައިސް، ކްރިމިނަލް ސިންޑިކޭޓް އަދި އެނޫންވެސް ގްރޫޕުތައް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.
ގޭންގް ކަމަށް މި ބެލެވެނީ އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުކަމަށް.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް 25 އޯގަސްޓުގައި އަމަލުކުރަން ފަށާއިރު، ދެ ޤާނޫނެއް އުވިގެންދާކަން ފާހަގަ ކުރައްވައި އައިޝަތު ވިދާޅުވީ، އެ ޤާނޫނުތައް އުވިގެންދިޔަނަމަވެސް، ދައުވާ ކުރުމާއި، ތަހުގީގުތަކަށް އަސަރެއް ނުކުރާނެ ކަމަށެވެ. އެގޮތުން އުވިގެން ދަނީ ތޫނު ހަތިޔާރު ޤާނޫނާއި، ކުރިން އަމަލު ކުރަމުން އައި ގޭންގް ކުށްތަކުގެ ޤާނޫނެވެ.
ދެ ޤާނޫނެއް އެބަ އުވޭ، އޭގެ ތެރެއިން އެއް ޤާނޫނަކީ ކުރިންވެސް އޮތް ގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނު، އާންމުކޮށް ބުނާނަމަ ގޭންގް ޤާނޫނު، ހަގީގަތަކީ އެ ޤާނޫނު އުވިގެން ދިޔަޔަސް އޭގެ މާ ބޮޑު ނަތީޖާއެއް ޕްރޮސެކިއުޝަނަކަށްވެސް އަދި ތަހުގީގު ކުރުމުގައި ދިވެހި ފުލުހުންނަށްވެސް ނުވަތަ ކުށް ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތަށްވެސް މާ ބޮޑު ގޮންޖެހުމެއް ދިމާވާނެ ޤާނޫނެއް ނޫން އެއީ، އަދި ތޫނު ހަތިޔާރު ޤާނޫނަކީ މިވަގުތު އެންމެ މައިގަނޑު ޤާނޫނު، އެ ޤާނޫނުގައި ހުރި އަސާސީ ކަންކަން މިހާރުގެ އައު ޤާނޫނުގައި އެބަހުރި.
އައިޝަތު އިތުރަށް ވިދާޅުވީ، މި ޤާނޫނުގެ ދަށުން ބައެއް ކުށްތަކުގައި ގެންދެވޭ މީހުން ޤާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލު ކުރެވުން ކޮންމެވެސް މިންވަރަކަށް ހަނި ކުރެވޭ ކަމަށާއި، އެގޮތުން 48 ގަޑިއިރަށް އެކަހެރިކޮށް ބައްދަލު ނުވެވޭގޮތަށް ހެދޭކަމަށެވެ. އެގޮތުން ވަކީލުގެ ޙައްޤު ހިފެހެއްޓުމުގެ ބޭނުމަށްޓަކައި 48 ގަޑިއިރު ގުނަނީ އެމީހަކު ހައްޔަރު ކުރާ ވަގުތަކުން ނޫން ކަމަށާއި، އެ މުއްދަތު ގުނަނީ އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮސް، ބަންދު ކުރާ ހިސާބުންކަމަށް އައިޝަތު ވިދާޅުވިއެވެ.
އެހިސާބުންވެސް އެ ހައްޤުތައް ހިފެހެއްޓެނީ ”ޗެކް އެންޑް ބެލެންސް“ ނިޒާމަކުންކަން ފާހަގަ ކުރައްވައި އައިޝަތު ވިދާޅުވީ، އެ ޙާލަތުގައިވެސް ޙައްޤު ހިފެހެއްޓެނީ ވަކި ޙާލަތްތަކެއް ފުރިހަމަވެގެން ކަމަށެވެ.
ހައްޤުތައް ލިމިޓު ކޮށްފައި ހުރި ޙާލަތްތަކުގައި އޭގެ ސޭފްގާޑު ކުރެވޭނެ ގޮތްވެސް އެބަހުރި ޤާނޫނުން ގެނެސްދީފައި،
އައިޝަތު ވިދާޅުވީ، ގޭންގް ކުށްތަކުގެ އައު ޤާނޫނުގައި ގޭންގުތަކަށް ނިސްބަތްވާ ނިޝާންތަކުގެ ގޮތުގައި ބެލެވޭނެ ތަކެތިވެސް ތަފްސީލު ކޮށްދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ފުލުހުންނަށްވެސް ފިޔަވަޅު އެޅުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

