ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު ފުލުހުންނާއި، ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވައި ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް ޢަބްދުﷲ އަލީއެވެ.
މިއަދު ހުވައިކޮށްފައިވަނީ 50 ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުންގެ ޚިދުމަތާއި ގުޅުނު 16 ފުލުހުންނެވެ.
ހުވައިކުރި ފުލުހުންގެ ތެރޭގައި ހިމެނެނީ ޚިދުމަތަށް އަލަށް ގުޅުނު ފުލުހުންނާއި އެކިއެކި ސަބަބުތަކާއިހުރެ ކުރިން ހުވައި ނުކުރެވި ވާ ފުލުހުންނެވެ.
ހުވައިކުރުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ. ހުވައިކޮށް ނިމުމަށްފަހު ކޮންމެ ފުލުހަކުވެސް ހުވައިގެ ލިޔުމުގައި ސޮއިކޮށްފައިވެއެވެ.