ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ވިލަރެސްކުރުމަށް ޓަކައި ދައުލަތުގެ އިދާރާތަކުން ކަނޑައަޅުއްވައިފައިވާ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކުރިއަށް ގެންގޮސްފިއެވެ.
އެ ތަމްރީން ޕްރޮގްރާމު ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފެވެ.
ތަމްރީން ޕްރޮގްރާމުގައި ވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، ވަޒީފާއާބެހޭ ޓްރައިބިއުނަލް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ސިވިލް ސަރވިސް ކޮމިޝަން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބައިވެރިވެފައެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ، އެއީ އެ ދާއިރާގެ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ގޮތުން ބޭއްވޭ ފުރަތަމަ ޕްރޮގްރާމް ކަމަށެވެ.
މިނިސްާޓަރ އިތުރަށް ވިދާޅުވީ، އެ ޕްރޮގްރާމްގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ބަޔާންކުރާ ޙައްޤުތައް ކަށަވަރުކުރުމަށް ޓަކައި ދައުލަތުގެ އެންމެހައި ވުޒާރާތަކާއެކު ގުޅިގެން މަސައްކަތްކޮށް، ޤާނޫނުގައި އިދާރާތަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބާރުއެޅުން ކަމަށެވެ.

