ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރަމުންދާތީ، އެ ސަރަހައްދުގައި ޑައިވް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީ ބުނީ ރަސްމާލެ ނުވަތަ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ”ސައިޓް ސީ“ އާއީ ”ސައިޓް އީ“ އިން ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާތަކާއި، ބޮރޯ އޭރިއާ ބިން ހިއްކާ ސައިޓުގެ ދެމެދުގައި، އެ މަސައްކަތް ކުރާ ކޮންޓްރެކްޓަރެއްގެ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވާނެ ކަމަށެވެ.
މީގެއިތުރުން، އެޗްޑީސީގެ އިއުލާނާއިއެކު، ބިން ހިއްކުމަށް ވެލިނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖަރު ހަރަކާތްތެރި ވާނޭ ސަރަހައްދާއި، ބިން ހިއްކާ ސައިޓާ ދޭތެރޭ، ކޮންޓްރެކްޓަރ ގެ ޑްރެޖަރ ދަތުރުކުރާނެ ރޫޓް ޗާޓެއް ވަނީ ހާމަކޮށްފައިވެއެވެ. އެ ރޫޓުގައި ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި އުޅަނދު ފަހަރު އަޅައިގެން ތިބުމާއި، ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިކަމެއް ނޫންކަމެއް އެ ކުންފުނިން ބުންޏެވެ.
ހަމައެއާއިއެކު، އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުކުރުމަށްވެސް ވަނީ އެ ކުންފުނިން އިލްތިމާސްކުރައްވައިފައެވެ. އަދި، މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، އެ ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅުއްވުމުން ނުވަތަ projects@hdc.mv އަދި hello@hdc.mv މެދުވެރިކޮށް އީމެއިލްކުރުމުން، އެ މައުލޫމާތު ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނިއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދެ ސައިޓް ހިއްކުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވިފައިވާއިރު، މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔަައީ، 2025 އޮގަސްޓު 2 ވަނަ ދުވަހުގައެވެ. އެގޮތުން، މި ސަރަހައްދަކީ، 265 ހެކްޓަރުގެ ބޮޑު ސަރަހައްދަކަށްވުމާއިއެކު، އެ ސައިޓަށް މޯބަލައިޒްވެ، ބިން ހިއްކުމަށް ބޭނުންވާ ބަންޑު ޖެހުމުގެ މަސައްކަތްތައް ފަށައިފައެވެ.
މީގެއިތުރުން، މި މަޝްރޫޢުގައި ބިން ހިއްކުމަށް ބޭނުންކުރަނީ ޔޭންޖް ޖުން އެކް ނަމަކަށް ކިޔާ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރެކެވެ. މިއީ 21,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި، ކުރިން ބޭނުންކުރެވުނު ވަސީލަތްތަކަށްވުރެ ދެގުނަ ބޮޑު ޑްރެޖަރެކެވެ.
މުޅި މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1009 ހެކްޓަރުގެ ތެރެއިން މިހާތަނަށް ހިއްކިފައިވަނީ 129.60 ހެކްޓަރެވެ. މިއީ މުޅި މަޝްރޫޢުގެ 12.84 އިންސައްތައެވެ. ސައިޓު ޖޭގެ ގޮތުގައި ކަނޑައެޅިފައިވާ 29 ހެކްޓަރުގެ ސަރަހައްދުގެ މަސައްކަތް ވަނީ 100 އިންސައްތަ ނިމިފައެވެ.
ހަމައެއާއިއެކު،ގްރޭޓަރ މާލެ އޭރިއާގައި ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ހުޅުމާލެ ފިޔަވަހި 3، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅުގައި ޖުމްލަ 478 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރެއިން ހުޅުމާލެ ފިޔަވަހި 3 ގައި 63 ހެކްޓަރު، ގުޅީފަޅުގައި 192 ހެކްޓަރު، ގިރާވަރު ފަޅުގައި 73 ހެކްޓަރު އަދި އުތުރުތިލަފަޅުގައި 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ތިން ޑްރެޖަރުގެ ތެރެއިން ދެ ޑްރެޖަރަކީ 45،000 ޓަނުގެ ހޮޕަރ ޑްރެޖަރެވެ. އަދި ތިންވަނަ ޑްރެޖަރަކީ 11،000 ޓަނުގެ ހޮޕަރ ޑްރެޖަރެކެވެ.

