ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ނިންމުންތަކުން މުޖުތަމައަށް ކުރާނެ އަސަރާ ގުޅޭގޮތުން މަދަނީ ޖަމިއްޔާތަކަށް ވާހަކަ ދެކެވެން ޖެހޭނެ: މިނިސްޓަރ

ޔޫތް މިނިސްޓަރ އިބްރާހިމް ވަޙީދު (އަސްވާޑު)
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހާއި ސަރުކާރުން ނިންމާ ކަންކަމުގައި މުޖުތަމައަށް ކުރާނެ އަސަރާ ގުޅޭގޮތުން މަދަނީ ޖަމިއްޔާތަކަށް ވާހަކަ ދެކެވެން ޖެހޭނެކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަޙީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

އެންޖީއޯތަކާ ގުޅޭ ޤައުމީ ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ފޯރަމަށް ވަރަށް ގިނަ ޖަމިއްޔާތަކުން ޝައުޤުވެރިވާ ކަމަށާއި، ވަރަށް ގިނަ ޑަބްލިއުޑީސީތަކުންވެސް މި ތަޖުރިބާ ޙާސިލުކުރަން ބޭނުންވާކަމަށެވެ.

އެހެންކަމުން އެންޖީއޯތަކާ ގުޅޭ ޤައުމީ ފޯރަމްގެ 3 ވަނަ ބައްދަލުވުން ބާއްވާއިރު، ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުސަތު ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިންވަނަ ފޯރަމްގައި އަޅުގަނޑުމެން މިކަމަށް ސަމާލުކަން ދީގެން ކުރިއަށްދިޔައީމަ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއަށްވުރެ މާ ގިނަ ބޭފުޅުންނަށް މިކަމުގައި ބައިވެރިވެ، ޝާމިލުވެވޭނެ.

މިނިސްޓަރ ވިދާޅުވީ، ޖަމިއްޔާތަކަކީ ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުންކަމަށް އަބަދުވެސް ދެކެވިފައި އޮންނަ ކަމަށާއި، ނަމަވެސް އެއީ ހަގީގަތުގައި އެކަން އޮންނަން ޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މާލީ ގޮތުންވެސް ޖަމިއްޔާތަކަށް ބާރުވެރިކަން އޮންނަންޖެހޭނެ ކަމަށާއި، އެކިއެކި ޕްރޮގްރާމްތައްވެސް ހިންގުން މުހިއްމު ކަމަށެވެ.

އެމީހުން މުޅި އުމުރު ހޭދަކުރަން މި ޖެހެނީ ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި، އެމީހުންގެ ވަގުތަކީވެސް އެއްވެސް އެއްޗެއް ނޫން އަނެއްހެން. އެހެންނަމަވެސް އެއީއެއް ނޫން އޭގެ ހަގީގީ މާނައަކީ، ޖަމިއްޔާތައް ބާރުވެރިކޮށްދޭން ޖެހޭނެ، މާލީ ގޮތުންވެސް އެބޭފުޅުންނަށް ތަނަވަސްކަން ހޯދައިދެވެން ޖެހޭނެ

މީގެ އިތުރުން، ޤައުމުގައި ދިމާވާ ކަންކަމުގައި ވަކި އަތަކަށް ނުޖެހި، ޤައުމުގެ މުސްތަޤުބަލަށްޓަކައި ބަސް ބުނާނެ މަދު އިދާރާތަކުގެ ތެރޭގައި މަދަނީ ޖަމިއްޔާތައް ހިމެނޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިހާރުވެސް މަޖިލީހާއި އެކި ކަންކަމުގައި ހޫނު ބަހުސްތަކެއް ކުރިއަށްދާ ކަމަށާއި، އެ ކަންކަމުގެ އަސަރު ކުރާނީ ސީދާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި އެ ކަންކަމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާނެ އެއް ބަޔަކީ މަދަނީ ޖަމިއްޔާތައްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ސީދާ އެ މަޤްސަދުތައް ޙާސިލު ކުރުމަށް ހަދާފައިވާ ޖަމިއްޔާތައްވެސް އެބަހުރި ކަމަށާއި، އެހެންކަމުން ޖަމިއްޔާތަކުގެ ބަސް އިއްވެން ޖެހޭނެކަމަށެވެ. އެގޮތުން މަޖިލީހާއި ސަރުކާރުން ނިންމާ ކަންކަމުގައި މުޖުތަމައަށް ކުރާނެ އަސަރާ ގުޅޭގޮތުން މަދަނީ ޖަމިއްޔާތަކަށް ވާހަކަ ދެކެވެން ޖެހޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެއީ މުސްތަޤުބަލަށްޓަކައިވެސް ބޭނުންތެރި ކަމެއް ކަމަށެވެ.

މިނިސްޓަރ ވަނީ ނަތީޖާ ނެރެވޭނެ ގޮތަކަށް މަދަނީ ޖަމިއްޔާތައް ހިންގުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން، އެންޖީއޯ ފޯރަމް ރާވައި ހިންގުމުގައި މިނިސްޓްރީގެ މުވައްޒަފުންގެ ބުރަ މަސައްކަތްވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އެންޖީއޯ ޤައުމީ ފޯރަމްގެ މަގްސަދު ތަކުގެ ތެރޭގައި މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ހިމެނެއެވެ. މިއީ މަދަނީ ޖަމްއިއްޔާތަކުގެ ޤައުމީ ފޯރަމްއެއް ބާއްވާ ދެވަނަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: