މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލާ ގުޅިގެން އިހުތިޖާޖުކުރަމުން ދިޔަ ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ، މުޒާހަރާގައި ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވާ ކަަމަށް ވިދާޅުވެ އެ ނޫސްވެރިން މިނިވަންކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވުމާ ގުޅިގެންނެވެ.
އިހުސާން ވިދާޅުވީ އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ނޫސްވެރިން މުޒާހަރާ ކުރީ ގްރީން ޒޯން ނުވަތަ މުޒާހަރާއާއި އެއްވުންތައް ނުބޭއްވޭ ސަރަހައްދުތަކުގައިކަމަށް ވިދާޅުވެ، އިހުސާން ފާހަގަކުރެއްވީ ނޫސްވެރިން މުޒާހަރާ ކުރީ ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ ކުރިމަތީގައިކަމެވެ.
އިހުސާން ވިދާޅުވި ގޮތުގައި ފުލުހުން އެ ނޫސްވެރިން އެ ސަރަހައްދުން ދުރައްޖެއްސީ ނަސޭހަތްދީ، އިންޒާރު ދިނުމަށްފަހު އެ ކަންކަމަށް އިޖާބަ ނުދިނުމުންނެވެ. ގްރީން ޒޯންގައި މުޒާހަރާ ކުރުމަކީ ޤާނޫނާ ޚިލާފު އަމަލެއްކަން އިހުސާން ފާހަގަކުރެއްވިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ހިދުމަތުން ބުނީ އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. އަދި ނޫސްވެރިންނަށް ގްރީންޒޯނުން ދިއުމަށް އިރުޝާދު ދެއްވިކަމަށެވެ.

