އއ. މާޅޮހު، އޯކިޑުމާގެ އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ތިން ޒުވާނުންގެ ތެރެއިން އެކަކު ކަމަށްވާ އަހުމަދު އާޝިދު އިތުރު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ އަނެއް ދެ މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ނިންމާފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ އުމުރުން 22 އަހަރުގެ ލިލީފެހި މުހައްމަދު ވިޝާމް، 27 އަހަރުގެ ފިނިވާގެ އަހުމަދު ފާރިސް އަދި 27 އަހަރުގެ ފިޔާގޭ އަހުމަދު އާޝިދެވެ. މި ތިން މީހުންނަކީވެސް ކުށުގެ ރެކޯޑެއް ނެތް ބައެއް ކަމަށް ވެއެވެ.
މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އަބްދުއްރަހްމާން މަރުވި ދުވަހު ފާރިސް އޭނާގެ ދަރިއަކަށް ގުޅާފައިވާކަން ފާހަގަކުރެވިފައިވެއެވެ. ”ގޭދޮށަށް މީހުން އެއްވެފައި އޮތުމުން ވެގެން އުޅޭގޮތް ބެލުމަށް“ ކަމަށް ފާރިސް ބުނި ނަމަވެސް، އޭނާ ގުޅި ވަގުތަކީ އަބްދުއްރަހްމާން މަރުވިކަން ރަށުގެ ރައްޔިތުންނަށް އެނގުމުގެ މާ ކުރިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ތުހުމަތުކުރެވޭ ތިން މީހުންނަކީވެސް އެކި ވަޒީފާތަކުގައި އުޅޭ ބައެއް ކަމަށްވާއިރު، ފާރިސް މަސައްކަތްކުރަނީ މަރުހޫމްގެ ގެއާ ކައިރީގައި ހުންނަ ފެނަކަ ބްރާންޗުގައެވެ. އަދި މި މައްސަލައިގައި އާޝިދު ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.
މި މައްސަލައިގައި ތިން މީހުން ހައްޔަރުކުރުމާ ގުޅިގެން، މިއީ ސިހުރުގެ މައްސަލައެއްކަމަށް ބުނެ ރަށުގައި ދެކެވޭ ވާހަކަތައް އިތުރުވެފައިވެއެވެ. މިއީ ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އެކަކަށް ކުރިންވެސް ސިހުރުގެ ތުހުމަތު ކުރެވިފައިވާތީ ކަމަށް މަޢުލޫމާތު ލިބެއެވެ.

