މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ބިލު ހުށައެޅީ ބަންޑާރަ ނައިބުގެ ލަފަޔާއިއެކުގައި ނޫންކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ މިކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން މިއަދު ރައީސް އޮފީހުގައި، ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު މީޑިއާތައް ރެގިއުލޭޓް ކުރަން ވަކި ކޮމިޝަނެއް އުފައްދަން މަޖިލީހަށް ބިލެއް ހުށައެޅީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.
ހަންނާންއަކީ އަމިއްލަ މެންބަރެއް ނަމަވެސް، މިއީ ސަރުކާރުން އަންގައިގެން ހުށައެޅި ބިލެއްކަމަށް ތުހުމަތުކުރެއެވެ. މަޖިލީހުގެ ތަޅުމުގައި މިހެން ވާހަކަތައް ދެކެވުމާއިއެކުވެސް، ޕީއެންސީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ އެވާހަކަތައް ދޮގު ކުރައްވާފައެވެ. މިއީ ސަރުކާރުގެ ފަރާތުން ހުށައެޅި ބިލެއް ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް ބިލުގައި ތާއީދުކުރާ ކަންތައްތަކެއް އެބަހުރިކަމަށް ޕީއެންސީގެ ހުރިހާ މެންބަރުންވެސް އިއްތިފާގުވެއެވެ.
އުޝާމް ވިދާޅުވީ މިފަދަ ބިލެއްގެ މަސައްކަތް ފާށާ، ޑްރާފްޓް ކުރެވުމާއިއެކު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ބޭފުޅުންނާއިއެކު ވަނީ ބައްދަލުކޮށްފައެވެ. އަދި އިސްލާހުތަކާއި، ކަންބޮޑުވުންތައްވެސް ހުށައެޅުއްވުމަށްވެސް އެދިފައިވާނެކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް އަދި އަދަށްވެސް އެއްވެސް ކަންބޮޑުވުމެއް ހުށައަޅާފައިނުވާކަމަށް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މީޑިއާތައް ރެގިއުލޭޓުކުރުމަކީ ކުރަން ޖެހޭކަމެއްކަމަށެވެ. އެހެންކަމުން މަޝްވަރާއަށް ފުރުސަތު ދޭން ޖެހޭކަން ގަބޫލުކުރައްވަން ޖެހޭކަމަށް އުޝާމް ވިދާޅުވިއެވެ.

