ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލުގެ ސަބަބުން ދޮގު ހަބަރު ފެތުރުން ހުއްޓި، މީޑިއާތައް މިނިވަން ވެގެންދާނެ: ޒަރީރު

މަތިވެރި ދާއިރާގެ ޕީއެންސީގެ މެމްބަރު ހަސަން ޒަރީރު/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ބިލާއި އެކު، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް ފަސޭހަވެގެން ދާނެކަމަށް ރައްޔިތުންފެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ޒަރީރު މިހެން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޒަރީރު ވިދާޅުވި ގޮތުގައި، މި ބިލުގެ މައިގަނޑު މަގްސަދުތަކަކީ ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، އެ މިނިވަންކަން ދެމެހެއްޓުމެވެ. އަދި ދޮގު ހަބަރު ފެތުރުން ހުއްޓުވައި، ނޫސްވެރިންނާއި މީޑިއާތަކުން ޤާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކޮށް ބޭނުން ކުރާކަން ކަށަވަރުކުރުމަށް އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުންކަމަށް ވިދާޅުވި އެވެ. ބިލުގެ މަގްސަދުތައް ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ، ބިލުގެ އަނެއް ބޭނުމަކީ ޒަމާނާއި އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން، ނޫސް މަޖައްލާ ރަޖިސްޓަރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތައާރަފު ކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ހިމެނޭ ގޮތަށް މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުން ކަމަށެވެ. އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާކޮށް، އެ މިނިވަންކަން ވަކި ހުދޫދެއްގެ ތެރޭގައި ބައްޓަންކުރުން މުހިންމުކަމަށް ޒަރީރު ވިދާޅުވި އެވެ.

ބިލުގެ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ޒަރީރު ފާހަގަކުރެއްވީ ސިޔާސީ ނުވަތަ ވިޔަފާރީގެ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ކޮމިޝަނެއް އުފެއްދުމުވެ. މިސާލު ދައްކަވައި ޒަރީރު ވިދާޅުވީ ބައެއް ފަހަރު، ބައެއް ނޫސްތައް ހިނގާ ގޮތަކީ ބައެއް ކުންފުނިތަކުން ނަގާ ސްޕޮންސާގެ ތެރެއިން ކަމަށެވެ. އަދި އެ ސްޕޮންސަރ އާއި އެކު، ނޫސް ހިންގަން ޖެހެނީ އެ ބަޔަކު ބުނާ ގޮތަށް، ބޭނުންވާ ގޮތެއްގެ ތެރެއިންކަމަށް ވިދާޅުވި އެވެ. ޒަރީރު ވިދާޅުވީ ބިލާއި އެކު އެފަދަ ނުފޫޒުތައް ފޯރުވުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެކަމަށެވެ.

ޒަރީރު ވިދާޅުވީ އެކި ސަބަބުތަކާއި ހުރެ މީޑިއާތަކަށް އާންމުން ކުރަމުން އައި އިތުބާރު އޮތީ ވަރަށް ބޮޑުތަނުން ކުޑަވެފައި ކަމަށެވެ. އެހެންކަމުން އެ އިތުބާރު ހޯދުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ. ޒަރީރު ވިދާޅުވީ، މިއަދުގެ މީޑިއާއާ މެދު ވަރަށް ގިނަ ޝަކުވާތައް ހުރިހާ ފަރާތެއްގެ ވެސް ހުންނަކަމަށެވެ. އަދި ބައެއް މީޑިއާތައް މިކަން ގަބޫލުނުކުރެވުނު ނަމަވެސް، މި މައްސަލަ ހައްލުކުރުން މުހިންމުކަމަށް ޒަރީރު ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔާތީ އެކަމަށް ރައްދު ދެއްވައި ޒަރީރު ވިދާޅުވީ، ހަގީގަތްތަކަށް ބަރޯސާވެ، ކަންކަން ހިނގާފައިވާ ގޮތް ބަލަންޖެހޭނެ ކަމަށެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ބައިނަލްއަޤްވާމީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ 13 ދަރަޖަ ފަހަތަށް ޖެހިފައިވާއިރު، މި ސަރުކާރުގެ ދޮޅު އަހަރުގެ ތެރޭގައި މީޑިއާއަށް ދިން ސަމާލުކަމާއި ފަހިކޮށްދިން ފުރުސަތުތަކުގެ ސަބަބުން، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ކުރިޔަށް ޖެހިފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: