ހަތަރު މީހުންނާއިއެކު ވ.އަތޮޅަށް ފުރައިގެން މާލެއަށް ދަތުރުކުރި “ސިއުނަކް” ނަމަކަށް ކިޔާ ޑިންގީއެއް އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނީ، އިންޖީނު ހުއްޓިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ 20 ފޫޓްގެ ޑިންގީއަކަށް ކަމަށާއި އަދި އިންޖީނު ހުއްޓުނު އިރު އޭތި ދަތުރުކުރަމުންދިޔައީ ފުލިދޫގެ އިރުން 12 ނޮޓިކަލް މޭލް ބޭރުން ކަމަށެވެ.
އެ ޑިންގީ ވަނީ ހެނދުނު 9:50 ހާއިރު އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު ކ. މާފުށީ ފަޅަށް ވައްދާފައި ކަމަށްވެސް ބުނިއެވެ.
އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ފަތިހު 5:35 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނިއެވެ.
އެ ޑިންގީގައި ތިބި ހަތަރު މީހުންްގެ ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވަނީ މީގެ ކުރިންވެސް ކަނޑުމަތީގައި ހާލު ޖެހޭ އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ދަނީ ބައެއް މީހުން ގެއްލި ބައެއް މީހުން ނިޔާވެސް ވެފައެވެ.