ޓެރަރިޒަމްގެ ގާނޫނު ބޭނުންކޮށްގެން ނަމަވެސް މަސްތުވާތެކެތީގެ ވަބާއިން ގައުުމު ސަލާމަތް ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސެއިން މަނިކް އެދިވަޑައިގެންފިއެވެ.
ޕީޕީއެމް ގެ ޕީޖީ ލީޑަރުކަމުގެ މަގާމްވެސް ފުރުއްވި ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ޖެހިފައިވާ ނުރަނގަޅު ކަންކަން ފެށިގެން އައިސްފައި ވަނީ މަސްތުވާތެކެތީގެ ވަބާއިން ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާއަކީ ގައުމަށް ޖެހިފައިވާ ބޮޑު މުސީބާތެއް ގޮތަށް ސިފަކުރައްވައި ނިހާނު ވިދާޅުވީ މަސްތުވާތެކީގެ ވިޔަފާރި ވިއުގަތައް ބަންދުކޮށްދެއްވުމަށް ރައީސް ސާލިހުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
https://twitter.com/ahmed_nihan/status/1172784600910708736
ނިހާން ވަނީ މަޖިލިސް އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައެވެ.
އެ އިންތިޚާބުގައި އޭނާއަށް ނާކާމިޔާބީއާއި ކުރިމަތިވުމާއި ގުޅިގެން ޕީޕީއެމް ޕީޖީ ލީޑަރު ކަމުން އިސްތިއުފާ ދެއްވައި ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ވަޑައިގަތެވެ.
އޭގެ ފަހުން މާ ގިނަ ދުވަސް ތަކެއް ނުވަނީސް ޖުމްހޫރީ ޕާޓީއާއި ނިހާން ގުޅިވަޑައި ގެންނެވިއެވެ.
ނިހާން އަކީ ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު ފުރިހަމަ ކުރެއްވި ބޭފުޅެކެވެ.
އޭނާ ވަނީ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަން ވެސް ކުރައްވާފައެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ނިހާން އަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ.