ހުޅުމާލެ ޓާމިނަލުގައި އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.
މއީ ިހުޅުމާލެ ޓާމިނަލުން މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.
އެމްޕީއެލްއިން މައުލޫމާތުދީފައިވާ ގޮތުގައި، މި ކިޔު ގާއިމްވެގެން ދިއުމަށްފަހު ހުޅުމާލެ ޓާމިނަލުން މުދާ ކްލިއާ ކުރެވޭނީ ކިޔުގެ ތެރެއިންނެވެ. މިއާއިއެކު މުދާ ކްލިއާ ކުރުން އަވަސްވެގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.
މި ކިއުގައި ބައިވެރިވުމަށް އެމްޕީއެލްގެ ވެބްސައިޓްގައިވާ ރެޖިސްޓްރޭޝަން ރިކުއެސްޓް ފޯމް ފުރިހަމަކޮށް، ފޮޮނުވުމަށް ވަނީ އެދިފައެވެ. އަދި މެއިލް މެދުވެރިކޮށްގެންނާއި، ހުޅުމާލޭ ފައިނޭންސް ކައުންޓަރަށްވެސް ހުށައެޅޭނެއެވެ. ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 3 ވަނަ ދުވަހުއެވެ.
ކިޔުގައި ބައިވެރިވުމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައި މާލެ ކޮމާޝަލް ހާބަރު (އެމްސީއެޗް) ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ ރެޖިސްޓްރޭޝަން ފޯމާއިއެކު، އެމްސީއެޗް ކިއުއިން ވަކިކޮށް ދިނުމަށް އެދި ލިޔެފައިވާ ސިޓީ ހުށަހަޅަން ޖެހެއެވެ.
އެމްސީއެޗް ކިއު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލު ކުރެވިފައިވާ ފަރާތަކަށް ނުވުމަކީވެސް ޝަރުތެކެވެ. އަދި ފޯމާއި އެކު ހުށަހަޅާ ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައި ނުވުމާއި ވެހިކަލްގެ ވެރިފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުމާއި އޭ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްއެއް ކަމުގައިވާނެ ޖެހެއެވެ. އަދި މީގެ އިތުރުޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލް ކަމަށް ވެސް އެމްޕީއެލްއިން މައުލޫމާތު ދީފައިވެއެވެ.

