ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަައްވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، ފުލުހުން އެ އަދާކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު ދަންނަވާކަމަށެވެ.
ރައީސް ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ފަރާތްތަކަށްވެސް އަރިސްކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހަކީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވުން ފާހަގަކުރާ ދުވަހެވެ. އެގޮތުން ރާއްޖޭގައި މި ޚިދުމަތް ޤާއިމު ކުރެވުނުތާ 21 އަހަރު މިވަނީ ފުރިފައެވެ.

