މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅޭގޮތުން ރަޖިސްޓަރޑް މީޑިއާތަކުގެ ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ހިއްސާކޮށްފިއެވެ.
ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ރާއްޖޭގެ ރަޖިސްޓަރޑް މީޑިއާތަކާ ބައްދަލު ކޮށްފައެވެ. އަދި މީޑިއާތަކުން ވަނީ ބިލާ ގުޅޭގޮތުން ހުރި ބައެއް ކަންބޮޑުވުންތައް ކޮމިޓީއާ ހިއްސާކޮށްފައެވެ.
މި ބިލުގެ 19 ވަނަ މާއްދާގެ (ހ) ގައި ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ބަޔާންކޮށްފައިވާއިރު، އެއީ ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމެއްކަމަށް ސަންގުގެ ފަރާތުން ވާހަކަ ދައްކަމުން ސީނިއަރ ވީޑިއޯ ޖަރނަލިސްޓް އަދި އެޑިޓަރ މާހަތު ހުސައިން ރަޝީދު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުންވެސް ސިޔާސީ ގޮތުން ނަހަމަ ބޭނުން ހިފިދާނެކަމަށް ބެލެވޭ ބައެއް އިތުރު މާއްދާތައް އުނިކުރުމަށް ތާއީދު ކުރެވޭކަމަށްވެސް މާހަތު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 39 ވަނަ މާއްދާގެ (ނ) އާ ގުޅޭގޮތުން މާހަތު ވިދާޅުވީ، ސަރުކާރު ޕްރޮމޯޓު ކުރުމަކީ ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގެ ޒިންމާއެއް ނޫން ކަމަށާއި، ސަރުކާރުތަކުގެ ”ޕީއާރް“ މަސައްކަތް މީޑިއާތަކުން ކުރަން ނުޖެހޭނެކަމަށެވެ. އެ ނުކުތާ އެހެން ނޫސްވެރިންވެސް ފާހަގަ ކޮށްފައިވެއެވެ.
މި ބިލުގެ 39 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުމަށް ބްރޮޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިން މަސައްކަތް ކުރަން ވާނެ ކަމަށެވެ.
ހަމައެއާއެކު، ޖަލްސާތަކުގައި ސިޔާސީ ފަރާތްތަކުން ނުވަތަ ތިންވަނަ ފަރާތަކުން ދައްކާ ވާހަކަތަކާ ގުޅޭގޮތުން ބްރޮޑްކާސްޓަރުން ޒިންމާ ނެގުމާ ގުޅޭގޮތުންވެސް ހައްލުތަކެއް އަންނަންޖެހޭކަން ފާހަގަ ކުރެއްވިއެވެ.

މި ބިލުގައި ނޫސްވެރިން ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންކޮށްފައިވާ އަދަދުތަކަށް ބަލާއިރު، މިއީ ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާތަކުގެ މާލީ ޙާލަތަށް ބަލާއިރު ނުބައްދަލު އަދަދެއްކަންވެސް މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މި ބިލުގައި ނޫސްވެރިންނަށް ހިމާޔަތް ނެތްކަމުގެ ކަންބޮޑުވުންވެސް މީޑިއާތަކުން ހިއްސާކޮށްފައިވެއެވެ.
މި ބިލުގައި އިލެކްޓްރޯނިކް މީޑިއާ މާނަކޮށްފައިވާ ގޮތުގެ ސަބަބުން މީސްމީޑިއާގައި ލިޔާ އެއްޗަކާ ގުޅިގެންވެސް އެމީހަކާމެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެކަންވެސް ބައެއް ނޫސްވެރިން ފާހަގަކުރިއެވެ. އަދި ޤައުމީ ސަލާމަތުގެ ވާހަކަވެސް ބަޔާންކޮށްފައިވަނީ ހަމަ އެފަދަގޮތަކަށްކަން ފާހަގަކުރިއެވެ.
ހަމައެއާއެކު، ނޫސްވެރިންގެ ސުލޫކީ މިންގަނޑުތައް ޤާއިމު ކުރުމުގެ މުތުލަޤު ބާރުތައް މީޑިއާ ކޮމިޝަނަށް ލިބިދެވޭގޮތަށް ބިލުގައި ހިމެނިފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް މީޑިއާތަކުން ހިއްސާކޮށްފައިވެއެވެ. އަދި ފަހަތަށް ހިނގާ ގޮތަށް ޤާނޫނު ހެދުމަކީ ޤާނޫނީ އުސޫލުތަކާވެސް ޚިލާފު ކަމެއްކަން މީޑިއާތަކުން ފާހަގަކުރިއެވެ.

ކޮމިޓީގައި ބައިވެރިވި ބައެއް މީޑިއާތަކުން ވަނީ މި ބިލަކީ ބޮޑެތި އިސްލާޙުތަކެއް އަންނަންޖެހޭ ބިލެއްކަން ފާހަގަކޮށްފައެވެ. އަދި ބައެއް މީޑިއާތަކުން ވަނީ މިއީ އިސްލާޙުތަކެއް ގެނެވޭނެ ބިލެއް ނޫންކަން ފާހަގަކޮށް، ބިލު އެއްކޮށް ބޭރުކޮށްލުމަށް ގޮވާލާފައެވެ.
މީގެ އިތުރުންވެސް އިތުރު މީޑިއާތަކުން ކޮމިޓީގައި ވާހަކަދެއްކުން އަދި ކުރިއަށް އެބައޮތެވެ.

