ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލު ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ، އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ: އެޗްއާރުސީއެމް

ހިއުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް/ ފޮޓޯ: އެޗްއާރުސީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ މީޑިއާ ރެގިއުލޭޓް ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ މިންގަނޑުތަކާ، އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ބިލެއްކަމަށް ހިއުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމް ބުނީ ބިލުގައި ހިމެނޭ ބައެއް ކަންކަމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ، އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަންކަން ކަމަށެވެ.

ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ދިމަކްރާތީ ގައުމުތަކުގައި ބްރޯޑްކާސްޓް މީޑިއާ އާއި ނޫސް، މަޖައްލާ ހިންގަނީ އަސާސީ ގޮތުން ތަފާތު އޮނިގަނޑުތަކެއްގެ ދަށުންނެވެ. އަދި ބުނެފައި ވަނީ އެއް ކޮމިޝަނަކުން އެއް ސުލޫކީ މިންގަނޑެއް ބޭނުންކޮށްގެން މި ދެ ނިޒާމު ރެގިއުލޭޓް ކުރުމަކީ ބައިނަލްއަޤްވާމީ އުސޫލެއް ނޫން ކަމަށެވެ. އޭގެ ސަބަބެއްކަމަށް އެޗްއާރުސީއެމް ބުނެފައި ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިންވެސް، ހާއްސަކޮށް ސިޔާސީ ވާހަކަތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ފުޅާ ދާއިރާއެއްގެ މިނިވަންކަމެއް ދޭންޖެހޭ ކަމަށް ބައިނަލްއަގްވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވުމެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖްތަމައުތަކުގެ މައިގަނޑު އަސާސްތައްކަން ފާހަގަކުރި އެވެ.

އެޗްއާރުސީއެމް ބުނީ ބްލޮގަރުން ނުވަތަ އޮންލައިންކޮށް އަމިއްލަ ހިޔާލުފާޅުކުރާ ނުވަތަ ވާހަކަ ހިއްސާކުރާ ކޮންމެ ފަރުދަކު، ރަޖިސްޓްރީވެ ލައިސަންސް ހޯދައި ދައުލަތުގެ ކޮމިޝަނެއްގެ ބެލުމުގެ ދަށުން ރެގިއުލޭޓްކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި މިފަދަ އުސޫލެއް ގެންގުޅުމަކީ އެ ކޮމިޝަނުން ބުނި ގޮތުގައި ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާ ހިލާފު ކަމެއްގެ އިތުރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމެކެވެ. އެގޮތުން އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަން ފަދަ ގައުމުތަކުގައި ބްލޮގް ލިޔާ ފަރާތްތަކަށް ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން ހޯދާކަށް ނުޖެހޭކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރުސީއެމް ބުނީ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޓީ އާއި އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) އިންވެސް އޮންލައިން ކޮންޓެންޓް ކްރިއޭޓަރުންނަށް ލައިސަންސް މަޖުބޫރުނުކުރުމަށް ބަޔާންކުރާ ކަމަށެވެ.

އެޗްއާރުސީއެމް އިން ހުށަހަޅާފައިވާ ގޮތުގައި، ބްރޯޑްކާސްޓިން ދާއިރާއަށް އެކަނި ރެގިއުލޭޓް ކުރުން ހުދޫދުކޮށް، ޕްރިންޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެ ގޮތް ހެދުމަކީ އެންމެ ރަނގަޅު އުސޫލެވެ. މިއާއި އެކު މިހާރު އަމަލު ކުރަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނު އިތުރަށް ފުރިހަމަކޮށް، މި ދެ ނިޒާމު ވަކިން ދެމެހެއްޓުމަށް ހުށަހެޅި އެވެ.

މީގެއިތުރުން ބިލުގެ 45 ވަނަ މާއްދާގައި ރާއްޖޭގައި ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއުކުރަން ވާނީ ކޮމިޝަންގައި ރަޖިސްޓަރީ ކުރުމަށް ފަހުކަމަށް ބަޔާންކޮށްފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީންނާއި، ރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ އައިސީސީޕީއާރު އިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ހިލާފު ކަމެއްގެ ގޮތުގައި އެޗްއާރުސީއެމްއިން ފާހަގަކުރި އެވެ. އެޗްއާރުސީއެމް ބުނީ އައިސީސީޕީއާރުގެ ޖެނެރަލް ކޮމެންޓް ނަންބަރު 34 ގައި ބަޔާންކޮށްފައިވާ ގޮތުން ނޫސްތަކާއި ޕްރިންޓް މީޑިއާގެ ޝާއިއު ކުރުންތައް ވަކި ހާލަތްތަކެއްގައި މެނުވީ މަނާކުރުމަކީ މުއާހަދާގެ 19 ވަނަ މާއްދާއާއި ހިލާފުކަމެއްކަމަށް ބުންޏެވެ.

ބިލުގެ 72 ވަނަ މާއްދާގައި، މިހާރު އުވާލެވޭ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލަމުން އައި ނުނިމި ހުރި މައްސަލަތައް އަލަށް އެކުލަވާލާ ކޮމިޝަނުން ބަލަންޖެހޭކަމަށް ބަޔާންކޮށްފައިވާތީ އެކަމަށް އެޗްއާރުސީއެމް ބުނީ މިކަމުގެ ސަބަބުން އެ މައްސަލަތައް ހުށަހެޅުނުއިރު ނެތް އިޖުރާއަތުތަކާއި، ޒިންމާތަކާއި އަދި އަދަބުތައް ކުރިމަތި ކުރުވިގެންދާނެ ކަމަށެވެ. މިއީ ގާނޫނީ މަބްދައުއެއްކަމުގައިވާ ”ޕްރިންސިޕަލް އޮފް ލީގަލިޓީ“ އާއި ޤާނޫނުއަސާސީގެ 59 ވަނަ މާއްދާ އަދި އައިސީސީޕީއާރުގެ 15 ވަނަ މާއްދާއާ ފުށުއަރާނެ ކަމެއްކަމަށް އެޗްއާރުސީއެމް އިން ބުނެފައި ވެއެވެ. އެހެންވެ އެޗްއާރުސީއެމް އިން ހުށަހަޅާފައި ވަނީ ބިލުގެ 72 ވަނަ މާއްދާ އިސްލާހުކޮށް ކުރީގެ ގާނޫނުގެ ދަށުން ހުށަހެޅުނު މައްސަލަތައް ބަލައި ކުރީގެ ގާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކާއި، ޒިންމާތަކާއި އަދި އަދަބުތަކުގެ އިތުރުން އެއްވެސް ފިޔަވަޅެއް ނޭޅޭ ގޮތަށް ބަޔާންކުރުމަށެވެ.

މި ބިލާއި ގުޅިގެން އެޗްއާރުސީއެމް ހުށަހަޅާފައި ވަނީ 22 އިސްލާހެއް ގެނައުމަށެވެ. އަދި އޭގެ ސަބަބު ވެސް ކޮމިޝަނުގެ ކަރުދާހުގައި ބަޔާން ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: