ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ވައްކަމުގެ އަމަލުތައް ހިންގާފައިވާނަމަ އެކަމެއް ހެއްކާއިއެކު ފެނިގެންދާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ހަމަމަގަށް އެޅުވުމަށްކަމަށް ބުނެ އެމްޑީޕީން އޮކްޓޫބަރު 3 ވަނަ ދުވަހުން ފެށިގެން މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ފަލާހުވަނީ ސޯޝަލްމީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި އެޕާޓީގެ ވިސްނުމަށް ފާޑުވިދާޅުވެފައެވެ.
ޕީޖީ ލީޑަރު ފަލާހު ވިދާޅުވީ، މި ދައުރުގައި ޕީއެންސީގެ ސަރުކާރުން ގައުމު ”ލޫޓުވާލައިފި“ ކަމަށް ބުނެ އެމްޑީޕީން ވާހަކަތައް ދެއްކުން ރީތި ނޫންކަމަެވެ. އަދި އެ ޕާޓީންވަނީ ރައީސް ސާލިހުގެ ދައުރުގައި މުޅި ގައުމު އެއްކޮށް ”ދަވާލާފައި“ ކަމަށް ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ، އެމްޑީޕީން މުޅި ގައުމު ހަލަބޮލިކުރުމަށް އަމާޒު ހިފާފައިވާކަމަށެވެ. އަދި އެކަން ކުރަން ނިންމީ ”ވައްކަންތައް“ މި ދައުރުގައި ބަލަން ފަށަން ނިންމާފައިވުމުންކަމަށެވެ. މެމްބަރު ވިދާޅުވީ، އެފަދަ އަމަލުތަކެއް ހިންގުމަށްފަހު މަތިޖެހުމަށްޓަކައި އެހެން މީހެއްގެ މަތީގައި އިލްޒާމުތަކެއް އެޅުމުވުމުގެ ފުރުސަތު އަބަދު ލިބިގެން ނުދާނެކަމަށެވެ. އެހެންކަމުން އެފަދަ ވިސްނުން ނުގެންގުޅުއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.
ފަލާހު ވިދާޅުވީ، އެކި ކަންކަމުގައި ބަދަލު ދިނުމުގައި ނަމުގައި އެކަނިވެސް އެ ދައުރުގެ ތެރޭގައި ގާތް ސަރުކާރުގެ އިސްވެރިންގެ ގާތް ރަހުމަތްތެރިންނަށް 800 މިލިއަން ރުފިޔާ ބަހާލިކަމަށެވެ. އަދި ކޮވިޑް19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއަށް އެކި ގައުމުތަކުން ހިލޭ އެހީ ލިބުނުއިރު އެ ފައިސާ ހުރީ ރާއްޖެއިން ބޭރުގައި ހަދާފައިވާ އަމިއްލަ އެކައުންޓުތަކުގައިކަމަށް ތުހުމަތުކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގައި ޕްރޮޖެކްޓުތައް ހިންގުމުގެ ނަމުގައި އެކި ލިޔެކިއުންތަކުގައި ސޮއިކުރެވުނުއިރު މަސައްކަތްތައް ކުރިއަށް ނުގޮސް ހުރި އެތައް ކަމެއް އޮތްކަމަށެވެ. ނަމަވެސް ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި ގުޅުން އޮތް ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބައި އަޅާ ގޮތަށް ބަހާފައިވާކަން ފެންނަން އޮތްކަމަށެވެ.
އެހެންކަމުން ދިވެހި ރައްޔިތުންނަށް ކަންކަން އޮޅިގެންދާނެކަމަށް ހީނުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެމްޑީޕީން އުޅެނީ ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތު ދަށްކޮށްލި މިންވަރުން ނުފުދިގެންތޯވެސް ސުވާލުކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ އެތައް ހާސް ޖަރީމާއެއް މިގޮތަށް ރައްޔިތުންނަށް ހާމަކޮށްދެވިދާނެކަމަށާއި ކުރި ވައްކަމެއް އޮތްނަމަ ހެއްކާއިއެކު އަރާ ހަމަކުރާނެކަމަށެވެ.

