ހުޅުމާލެ ފޭސް ދޭއްގައި ދެ މިސްކިތެއް އެޅުމަށްޓަކައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ދެމެދުގައެވެ.
އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު އެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
ހުޅުމާލެ ލޮޓް ނަންބަރު 22221 ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 27,920 އަކަފޫޓެވެ. އަދި ލޮޓް ނަންބަރު 22242 ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތަކީވެސް 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 20,720 އަކަފޫޓެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މާލެ ސަރަހައްދުގައި މިވަގުތު ގިނަ މިސްކިތްތަކެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މި ދެ މިސްކިތް އެޅުމަށް މިއަދު ބިން ހަވާލުކުރެވުނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، އެ ސަރަހައްދުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

