ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކާގޯ ބޭރުކުރީ ރެކޯޑް އަދަދަކަށްކަމަށް ބުނެފިއެވެ.
އޮގަސްޓް މަހުގެ ތެރޭގައި ޓްރާންސްޝިޕްމެންޓްގެ ގޮތުގައި 1،934 ޓަނުގެ ކާގޯ ވަނީ ބޭރުކުރެވިފައެވެ. މިއީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ކާގޯ ބޭރުކުރެވުނު މަސް ކަމުގައި ވެފައިވެއެވެ. މި ކާމިޔާބީއަކީ އެއާޕޯޓުގެ ޚިދުމަތްތައް ފުޅާވެ، ކުރިއަރަމުން އަންނަކަމުގެ ހެއްކެކެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޖުމްލަ 34،573 ޓަނުގެ ކާގޯ ވަނީ އެތެރެކޮށް އަދި ބޭރުކުރެވިފައެވެ. މީގެ ތެރެއިން 25،262 ޓަނަކީ އިމްޕޯޓް ކުރެވުނު ކާގޯ އެވެ. އަދި 2،432 ޓަނަކީ އެކްސްޕޯޓް ކުރެވުނު ކާގޯ އެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެއިތުރުން ޓްރާންސްޝިޕްމެންޓްގެ ގޮތުގައި ޖުމްލަ 6،879 ޓަނުގެ ކާގޯ ވަނީ ބަދަލުކުރެވިފައެވެ. މީގެ ތެރޭގައި އެއާ-ޓު-އެއާ ޓްރާންސްފަރގެ ގޮތުގައި 5،621 ޓަނާއި، ކަނޑުމަގުން ވައިގެމަގަށް ބަދަލުކުރެވުނު 1،258 ޓަނުގެ ކާގޯ ހިމެނެއެވެ. މިއީ އެއާޕޯޓުގެ ކާގޯ ހޭންޑްލިންގ ޤާބިލުކަން ރަމްޒުކޮށްދޭ މުހިންމު ތަފާސް ހިސާބުތަކެކެވެ.
ކާގޯ އުފުލުމުގެ ޚިދުމަތުގައި 4 ފްރެއިޓަރެއް ވަނީ ހަރަކާތްތެރިވެފައެވެ. އެއީ އެފްކޮމް، ފްލައި ވާވު، އެމް ޖެޓް އަދި ގަތަރު ކާގޯ އެވެ. މި ފްރެއިޓަރުތަކުން ޖުމްލަ 152 އުދުހުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރެއިން އެފްކޮމްއިން އެންމެ ގިނަ 112 އުދުހުން ކުރިއަށް ގެންގޮސްފައިވާއިރު، ފްލައި ވާވުއިން 18 އުދުހުން، އަދި އެމް ޖެޓްސްއާއި ގަތަރު ކާގޯއިން 2 އުދުހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

