ރިޝްވަތުގެ ފައިސާގައި ދުވަހަކުވެސް ޖެހިފައިނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އާންމުކުރުމާއިއެކު ބައެއް ފަރާތްތަކުންވަނީ މެމްބަރު އައްބާސްގެ މާލީ ބަޔާނުގައި ގޯސްތަކެއް ފާހަގަކުރެވޭކަމަށް ރިޕޯޓުކޮށްފައެވެ. މިކަމަށް ޖަވާބުދާރީވެވަޑައިގެން ސޯޝަލްމީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި އައްބާސް ވިދާޅުވީ، އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ ދެކެވެމުންދަނީ ދޮގު ވާހަކަތަކެއްކަމަށާއި އަމިއްލަ ނަން މަތީގައި ހުޅުމާލޭގައި ބިމެއް ނެތްކަމަށެވެ.
މީގެ 10 މަސް ދުވަސް ކުރިން އެޗްޑީސީން އިއުލާނުކުރި 8 ބިމުގެ ތެރެއިން އެއް ބިމަށް އޭނާގެ މަސްލަހަތު ހިމެނޭ ކުންފުންޏެއްކަމަށްވާ ސާއްބަ ކޮންސްޓްރަކްޝަންއިން ބިޑުކޮށް ކާމިޔާބުކުރިއިރު އެބިމަށް ފައިސާ ދެއްކީ ސާއްބަ ޓްރެވަލްސްގެ ނަމުގައި ހަދާފައިވާ ކުންފުނީގެ އިސްލާމިކް ބެންކުގެ އެކައުންޓުގައިހުރި ފައިސާއިންކަމަށެވެ. އަދި އެ އެކައުންޓަށް އެކްސެސް ނެތްއިރު އެއްވެސް ސިޔާސީ މީހެއް ނޫނީ އަމިއްލަ ފަރާތަކުންވެސް ފައިސާތަކެއް ޖަމާކޮށްފައިނުވާނެކަން ކަށަވަރުކޮށްދެވޭކަމަށާއި އެ ކުންފުނީގެ ނަމަށް ބިން ބަދަލުކުރީ އެޗްޑީސީގެ ތެރޭގައި އެކަމަށް ހަމަޖެހިފައިވާ އުސޫލުން އެބިމަށް ފައިސާ ދެއްކީ ސާއްބަ ޓްރެވަލްސް ކުންފުނިކަމަށް ވުމުންކަމަށް ފާހަގަކުރެއްވިއެވެ.
މި ތަފްސީލުތައް އެޗްޑީސީން ފެންނާނެކަމަށްވެސް މައުލޫމާތު ދެއްވިއެވެ. އަދި އަމިއްލަ ނަމުގައި ހުރި އެއްވެސް މުދަލެއް ވިއްކުން ފަދަ އަމަލެއް ހިންގާފައިނުވާނެކަމަށާއި ބީއެމްއެލްއާއި އިސްލާމިކް ބެންކުން އަމިއްލަ ނަމުގައި ނަގާފައިވާ ލޯނުތަކެއް ހުރިއިރު އެ ފައިސާއިން ހަރަދުކޮށްފައިވަނީ ޅޮހި އަދި ފޮއްދޫ އާއި ވެލިދޫ ފަދަ ދާއިރާގައި ހިމެނޭ ރަށްތަކުގެ ރައްޔިތުން އެދޭ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށް ހިއްސާކުރެއްވިއެވެ.
އައްބާސް ވިދާޅުވީ، އެ ފައިސާއިން ހަރަދުކުރީ ރައްޔިތުންގެ ބޭސް ފަރުވާ ފަދަ ކަންކަމަށް ކަމަށާއި ބެންކު ލޯނުތައް ދައްކަމުންދަނީ މުސާރައިންކަން އެކައުންޓު ބެލުމުން އެނގޭނެކަމަށެވެ. މެމްބަރު ވިދާޅުވީ، ސިއްރުކުރަންޖެހޭ ނޫނީ ފޮރުވަންޖެހޭ އެއްވެސް ކަމެއް ނެތްކަމަށާއި ރިޝްވަތުގެ ހުތުރު ފައިސާގައި ދުވަހަކުވެސް ޖެހިފައިނުވާނެކަމަށެވެ. އަދި މިފަދަ ވާހަކަތައް ފަތުރައިގެން ދައްކާ ބިރަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށާއި ހައްގު ބަސް ބުނުމުގައި ސާބިތުވެ ހުންނަވާނެކަމަށެވެ.

