އަންނަ އަހަރު ދިވެހިރާއްޖެއިން ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު އަދާކުރަން ޖެހޭއިރު، މި ދަރަނި ދެއްކޭނެ ގޮތެއް ނުވަތަ ރޭވުމެއް ސަރުކާރަކުން މިހާތަނަށް ހާމަކޮށްފައި ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު މިހާރު ފުނޑުފުނޑުވެފައިވާއިރު، ރައްޔިތުން ދަނީ ބިކަވެ ހާލުގައި ޖެހެމުން ކަމަށެވެ. އަދި މި ސަރުކާރުން މިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް އެޅުމަށް ގަސްދު ކުރަނީ ކޮން ފިޔަވަޅުތަކެއްކަން އަދި އެއްވެސް ޕްލޭނެއް އޮތް ނަމަ އެކަން ތަންފީޒު ކުރާނެ ގޮތެއް ވެސް ނޭނގޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ހުރިއިރު، ސަރުކާރަށް ވެސް އެކަންކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ނަމަވެސް އެ ހާލަތުން އަރައިގަތުމުގެ ގާބިލުކަން ސަރުކާރުގެ ހުރިކަމާއި މެދު ރައްޔިތުން ސުވާލު އުފައްދާއިރު، އެ ކަނކަން ކުރާނެ ގޮތެއް ހޯދާފައިވާކަން ވެސް ރައްޔިތުންނަކަށް އެނގޭނެ ގޮތެއް ނެތްކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ގައުމީ ބޮޑެތި މައްސަލަތައް ހުރިއިރު، އެ ކަންކަމަށް ސަރުކާރު ވާނުވާއެއްގެ ތެރޭގައި އޮތުމަކީ ކަންބޮޑުވުމެއްކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މީގެއިތުރުން މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފައްޔާޒް ފާހަގަކުރެއްވީ، އަންނަ އަހަރު ރާއްޖެއިން އެއް ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހުމެވެ. އަދި މިއީ 500 މިލިއަން ޑޮލަރުން ދެ ފަހަރެއްގެ މަތީން އެއް ފަހަރާ ދައްކަން ޖެހޭ އަދަދެއްކަމަށްވާއިރު، ދަރަނީގެ ހާލަތު އަދިވެސް ގޯސްވަމުންދާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެ ރައްޔިތުން ބިކަވެ ދާއިރުގައި އަޅުގަނޑުމެންނަށް ކުރިމަތިވާ އަދި އިތުރު ވަރަށް ބޮޑު ނުރައްކަލެއް އޮތްކަން އަޅުގަނޑަށް ގަބޫލުކުރެވެނީ… އެއީ މި ސަރުކާރުން މި ކަމުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ކުރަނީ ކޮން ކަމެއް ކަމެއް.. ކިހިނެއް ކަމެއް ވެސް އެނގޭކަށް ނެތް… ރައްޔިތުންނަކަށް އެކަން ނޭނގެ. އަޅުގަނޑުމެންނަށް އެބަ އެނގޭ ބޮޑު ދަރަންޏެއް މި އަންނަ އަހަރުގެ ތެރޭގައި އަދާކުރަންޖެހޭ ކަން.
ފައްޔާޒް ވިދާޅުވި ގޮތުގައި މި ދަރަނި ދެއްކޭނެ ގޮތެއް ނުވަތަ ރޭވުމެއް ސަރުކާރަކުން މިހާތަނަށް ހާމަކޮށްފައި ނެތެވެ. އަދި ވިދާޅުވީ އިގްތިސާދު މިހާ ދަށަށް ގޮސްފައިވާ ދަނޑިވަޅުގައި، ސަރުކާރުން ރައްޔިތުންނަށް ތެދު ހާމަކުރުމަށް ދެކޮޅު ހަދަމުން ދާކަމަށެވެ.
ފައްޔާޒް އިތުރަށް ފާހަގަކުރެއްވީ، ދުނިޔޭގެ ސިޔާސީ މުޅި ނިޒާމަށް މި އަންނަ ބަދަލުގެ ތެރޭގައި، އިންޑިއާ ކަނޑުގެ ތެރޭގައި އެކިއެކި ބާރުތަކުގެ ނަޒަރު ހިންގަމުންދާތީ، ދިވެހިރާއްޖެއަށް ދިމާވެދާނެ ބޮޑެތި ނުރައްކާތަކެއް ހުރުމެވެ. މީގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.

