ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ބިލުތަކަށް ހިޔާލު ނުހޯދުމުގެ ނަތީޖާއަކީ، ދެން އުފެދޭ ވެރިކަންތަކުގައި ގާނޫނަށް އިސްލާހު ގެނައުމާއި އުވާލުން: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބިލުތައް ހުށަހަޅާއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހިޔާލާއި މަޝްވަރާ ނުހޯދާނަމަ އޭގެ ނަތީޖާއަކަށް ވާނީ ގާނޫނަށް ކައިރިކައިރީގައި ބޮޑެތި އިސްލާހުތައް އައުންކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ބިލުގެ މަސައްކަތާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގަ އެވެ. ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރަކު ހުށަހެޅި މި ބިލު ބަލައިގަނެ، މި މަހުގެ 15 ގެ ކުރިން ނިންމުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ.

ބިލު ބޭރުކޮށްލުމަށް ގޮވާލައި، މީޑިއާތަކުން ކަންބޮޑުވުންފާޅު ކުރަމުންދާއިރު 151 ނޫސްވެރިންގެ ސޮޔާއި އެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.

މި މައްސަލައިގައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އަމީން ވިދާޅުވީ ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި ބިލުތައް ހުށަހަޅާއިރު، އޭރަކު އޮންނަ އިދިކޮޅު ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށް ހިޔާލު ހޯދަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ގާނޫނެއް ގެނައުމަށްޓަކައި، ބިލެއް ހުށަހެޅިއިރު ކަންބޮޑުވުންތައް އަންނާނެކަން ރަނގަޅަށް އެނގޭނެ ކަމަށެވެ. އަމީން ވިދާޅުވީ މިފަދަ ބިލެއް އިދިކޮޅު ފަރާތްތަކާއި މަޝްވަރާ ނުކޮށް ފަރުމާ ކުރުމަކީ ދިގުދެމިގެންދާ ގާނޫނީ ހަމަޖެހުމަށް އޭގެ ސަބަބުން އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި ހާއްސަކޮށް ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ގާނޫނުތައް ބަދަލުކުރަން ޖެހި، ގާނޫނު ހެދުމަކަށް ނިމުމެއް ނާންނާނެކަމަށް މެމްބަރު ވިދާޅުވި އެވެ.

އަމީން ފާހަގަކުރެއްވި ގޮތުގައި، 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖޭގެ ސިޔާސީ ތާރީހު ދައްކަނީ ވެރިކަން މައިގަނޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީއާއި ޕީއެންސީ ނުވަތަ ޕީޕީއެމް ކުރަމުންދާ ކަމެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖެ ކުރިއަށް އޮތް ތަނުގައި ހަމަ މަގަށް އަޅުވައި، ރައްޔިތުންގެ އިތުބާރު ވެރިކަމުގެ ނިޒާމާއިމެދު އުފައްދަން ބޭނުންނަމަ، އަދި ހެޔޮ ނިޔަތުގެ ވެރިކަމެއް ކުރަން ބޭނުންފުޅުނަމަ، ޕީއެންސީގެ ވެރިކަމެއްގައި އިދިކޮޅު ޕާޓީގެ ބައިވެރިވުމެއް ނެތި މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅުމަކީ އެއްވެސް ހާލެއްގައި ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ހަމައެގޮތަށް، އެމްޑީޕީގެ ވެރިކަމެއްގައި ވެސް މިފަދަ ގާނޫނެއް ނުވަތަ ރައްޔިތުންނާ ގުޅުންހުރި ގާނޫނެއް ގެންނައިރު، ޕީއެންސީ ނުވަތަ އިދިކޮޅު ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ކޮންމެހެން ހޯދަން ޖެހޭކަމަށް އަމީން ވިދާޅުވި އެވެ. އެހެންނޫން ނަމަ، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ގާނޫނުތަކަށް އެ ބޭފުޅުންގެ ފިކުރާ ފަލްސަފާއާއި އެއްގޮތަށް ބަދަލުތައް އަންނަމުން ގާނޫނު ހެދުމަކަށް ނިމުމެއް ނާންނާނެކަމަށް އަމީން ވިދާޅުވިއެވެ.

އެހެންވީމާ އަޅުގަނޑަކަށް ނުފެނޭ ދިވެހިރާއްޖެ ކުރިއަށް އޮތް ތަނުގައި ހަމަ މަގަށް އަޅުވައި ރައްޔިތުންގެ އިތުބާރު ވެރިކަމުގެ ނިޒާމާއިމެދު އުފައްދަން ބޭނުންފުޅުވެލައްވާ ނަމަ ހެޔޮ ނިޔަތުގެ ވެރިކަން ކުރަން ބޭނުންފުޅު ވެލައްވާނަމަ ޕީއެންސީ ވެރިކަމުގައި އޮންނައިރުގައި އިދިކޮޅު ޕާޓީގެ ބައިވެރިވުމެއް ނެތި މިފަދަ ގާނޫނެއް ފަރުމާކޮށް ހަދައި ގެޒެޓް ކުރަންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން… ހަމަ ހާއްސަކޮށް އެމްޑީޕީގެ ވެރިކަމެއްގައި އޮންނައިރުގައި މިފަދަ ގާނޫނެއް ގެންނައިރުގައި ނޫނީ އެހެންވެސް ރައްޔިތުންނާ ގުޅުންހުރި ގާނޫނެއް ގެންނައިރުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް. އެއީ ޕީއެންސީ ނޫނީ ޕީޕީއެމް ނޫނީ އިދިކޮޅު ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ގެނައުން.. އެހެންނޫން ނަމަ އަނެއްކާ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު މި ގާނޫނުތަކާ އެއްޗެހި އެ ބޭފުޅުންގެ ފިކުރާ އެ ބޭފުޅުންގެ ފަލްސަފާއާއި އެއްގޮތަށް ބަދަލުކުރަމުން ދާންޖެހޭނީ.. ގާނޫނު ހެދުމަކަށް ނިމުމެއް ނާންނާނެ. ފަނަރަ ވިހި އިސްލާހު ދިހަ އަހަރު ދުވަހުގެ ތެރޭގައި އަންނަން މި ޖެހެނީ މިހެންވެ.

މީގެ އިތުރުން، އަމީން ވަނީ މި ބިލާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ވެސް ފާޑުކިއުން އަމާޒު ކުރައްވާފަ އެވެ. އެގޮތުން އަމީން ވިދާޅުވީ، ނޫސްވެރިންގެ އެއްވެސް ކަންބޮޑުވުމެއް އަޑުއެހުމެއް ސަރުކާރުން ބޭނުން ނުވާއިރު، އެންމެ ފަހުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ބިލު ދިފާއު ކުރެއްވި ކަމަށެވެ. އަދި އެތައް ކަންބޮޑުވުމަކާއި އެކު ވެސް މި ބިލު ބޭރުކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަކުރެއްވި ކަމަށެވެ.

އަމީން ވަނީ މަޖިލީހުގެ ރިޔާސަތުން ބިލުގެ ބަހުސް ކުރިޔަށް ގެންދިއުމުގައި އަމަލު ކުރި ގޮތާއި މެދު ވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އެގޮތުން އަމީން ވިދާޅުވީ، ބިލުގެ ބަހުސް ނިމުނީކަމަށް ރިޔާސަތުން އިއުލާނުކޮށް، އާންމުކޮށް އަމަލު ކުރާ އުސޫލުން 13:00 އަށް ވޯޓަށް އިއުލާނު ކުރި ކަމަށެވެ. އެހެން ނަމަވެސް މަޖިލީސް ބްރޭކަށް ގޮސް ދިހަ ވަރަކަށް މިނެޓު ފަހުން އަނެއްކާ ވެސް މެންބަރުންނަށް މެސެޖުކޮށް ބަހުސް ކުރިޔަށް ގެންދާނެކަން އެނގިއިރު، މިގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ސަބަބުން ގާނޫނު ހެދުމުގެ މަސައްކަތުގެ އިތުބާރު ގެއްލިގެން ދާނެކަމަށް އަމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: