ކަމެއް ސިއްރުކޮށް އޮޅުވާލާ، އެކަން ރައްޔިތުންނަށް ފަޅާއެރުމުން، ދެން ހާމަކުރާނަމޭ ބުނުމުން މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމެނި ސަބަބު ރައްޔިތުންނަށް އިނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްގެ ޕޯސްޓަކަށް ރައްދުދެއްވައި މަމްދޫހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަލީ ބަޔާނަކީ ހާމަކަން ބޮޑު ގޮތެއްގައި އެއްވެސް ކަމެއް އޮޅުވާނުލައި ތެދު މަޢުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ހުށައަޅަން، ކޮންމެހެން، ޖެހޭ ބަޔާނެއް ކަމަށެވެ.
ކުންފުންޏެއްގައި އެންމެ ހިއްސާއެއް އޮތްނަމަވެސް އަދި އިތުރު ބަޔަކު ތިބެ އިއުތިރާޒު ކުރިނަމަވެސް، އެ މެމްބަރުގެ އޮތިއްޔާ އޮތް، ހިއްސާއެއްގެ މަޢުލޫމާތު، މާލީ ބަޔާނުގައި ހިމަނާ ހާމަކުރަން ޖެހޭނެކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެން ނޫންނަމަ އެކަމަކީ ސީދާ ރައްޔިތުންނަށް ކަންކަން އޮޅުވާލާ، މާލީ ހިސާބުން ހާމަކުރަންޖެހޭ ކަންކަން ފޮރުވާ ސިއްރުކުރުންކަމަށް މަމްދޫހު ވަނީ ވިދާޅުވެފައެވެ.
ކަމެއް ސިއްރުކޮށް އޮޅުވާލާ، އެކަން ރައްޔިތުންނަށް ފަޅާއެރުމުން، ދެން ހާމަކުރާނެކަމަަށް ބުނުމުން މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމެނި ސަބަބު ރައްޔިތުންނަށް އެނގޭނެކަމަށް މަމްދޫހު ވިދާޅުވިއެވެ.
އައްބާސް އެކްސްގައި ކުރި ޕޯސްޓުގައި ވަނީ އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ ދެކެވެމުން ދަނީ ދޮގު ވާހަކަތަކެއްކަމަށާއި އަމިއްލަ ނަން މަތީގައި ހުޅުމާލޭގައި ބިމެއް ނެތްކަމަށެވެ. މީގެ 10 މަސް ދުވަސް ކުރިން އެޗްޑީސީން އިއުލާނުކުރި 8 ބިމުގެ ތެރެއިން އެއް ބިމަށް އޭނާގެ މަސްލަހަތު ހިމެނޭ ކުންފުންޏެއްކަމަށްވާ ސާއްބަ ކޮންސްޓްރަކްޝަންއިން ބިޑުކޮށް ކާމިޔާބުކުރިއިރު އެބިމަށް ފައިސާ ދެއްކީ ސާއްބަ ޓްރެވަލްސްގެ ނަމުގައި ހަދާފައިވާ ކުންފުނީގެ އިސްލާމިކް ބެންކުގެ އެކައުންޓުގައިހުރި ފައިސާއިންކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެކައުންޓަށް އެކްސެސް ނެތްއިރު އެއްވެސް ސިޔާސީ މީހެއް ނޫނީ އަމިއްލަ ފަރާތަކުންވެސް ފައިސާތަކެއް ޖަމާކޮށްފައިނުވާނެކަން ކަށަވަރުކޮށްދެވޭކަމަށާއި އެ ކުންފުނީގެ ނަމަށް ބިން ބަދަލުކުރީ އެޗްޑީސީގެ ތެރޭގައި އެކަމަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެއްކީ ސާއްބަ ޓްރެވަލްސް ކުންފުނިކަމަށް ވުމުންކަމަށް ފާހަގަކުރެއްވިއެވެ.

