ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅާ ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެއްކެއްކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރެވޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވިގެންކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުންނަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭނެ މިންވަރު ކަނޑައެޅުމުގައި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭނެ ގޮތަށް އުސޫލަށް ބަދަލު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން އިއްޔެ އިއުލާން ކުރެއްވިއެވެ. މި ބަދަލުގެ ސަބަބުން، ކުރިން އާބާދީ ކުޑަ ރަށްތަކަށް ކުރިމަތިވި މާލީ ދަތިކަން ކުޑަވެ، މުނިސިޕަލް މަސައްކަތްތައް ފަސޭހަވެގެން ދާނެކަމަށް ބެލެވެއެވެ.
ލާމަރުކަޒީ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓް ފޯރުކޮށްދޭ ފިސްކަލް ފޯމިއުލާގައިވާ ގޮތުން، އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވުމުގެ ސަބަބުން، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް ގިނަކަން ފާހަގަކުރެވިފައިވެއެވެ.
މި މައްސަލަ ހައްލުކުރެއްވުމަށް ރައީސް މުއިއްޒު ވަނީ، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މުރާޖައާ ކުރައްވައި، ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ގެންނެވުމަށް ނިންމަވާފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު، މި ބަދަލާ އެކު، އާ ފޯމިއުލާގެ ދަށުން ކައުންސިލްތަކަށް ފައިސާ ދިނުމަށް ހުށަހެޅުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

