ކުންފުންޏަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެ ކުންފުނިން ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއަށް ވަނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، އެ ކުންފުނިން ހިދުމަތްތައް ފޯރުކޮށްދޭއިރު، ތެޔޮ ގަތުން ފަދަ ކަންކަމަށް އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
މިހާރު ރާއްޖޭގައި ޑޮލަރުގެ މައްސަލަ އެބައޮތްކަމަށް ފާހަގަކުރެއްވިއެވެ. ޑޮލަރު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، ކުންފުނީގެ ޖުމްލަ ހަރަދަށް އެބައި އިތުރުވަމުންދާ ކަމަށް ފާހަގަކޮށް މަތީން ވިދާޅުވީ، ނަމަވެސް ހިދުމަތްތަކުން ނަގާ އަގު ބޮޑުކޮށްގެން އެ ބައި ނުހޯދޭނެކަމަށެވެ.
އެހެންކަމުން ޑޮލަރުން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރުމަށް، ންފުނީގެ ބޯޑާއިއެކު މަސައްކަތް ކުރަމުން އަންނަކަމަށާއި، އެގޮތުން ފަތުރުވެރިކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ހަދަން ޖެހޭ ދިރާސާތައް ހަދަމުންދާކަމަށް ފާހަގަކުރެއްވިއެވެ. މިގޮތަށް ކުޑަ ނަމަވެސް އާމްދަނީއެއް ޑޮލަރުން ލިބޭކަމަށްވާނަމަ ކުންފުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް މަތީން ވިދާޅުވިއެވެ.
ޅުގަނޑުމެން ދިރާސާ އެބަ ހަދަން އޭގަ އެ ފަރާތްތަކާ އެކު އެގްރީމަންޓަކަށް ދެވިދާނެތޯ. އެބޭފުޅުން ޑޮލަރުން ޕޭމަންޓް ހަދަން. ކިތަންމެ ކުޑަމިންވަރެއްވިޔަސް އެކަމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ.
މަތީން ވިދާޅުވިއެވެ.
ޓޫރިޒަމަށް މީގެ 17 އަހަރު ކުރިން ދޫކުރި ހދ. ނާގޯށީގެ މަސައްކަތް ނިންމައި، ހުޅުވުމުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުން ހިމަނަން މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ހާމަކުރެއްވިއެވެ. މިހާރު މި މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިންނެވެ. އެމްޑަބްލިޔުއެސްސީއިން މަޝްވަރާކުރަމުންދަނީ މަސައްކަތުގައި ކޮންމެސް ވަރަކަށް ބައިވެރިވުމަށެވެ.
މި މަސައްކަތްތަކުގެ އެދެވޭ ނަތީޖާއެއް ކައިރި މުސްތަގުބަލެއްގައި ފެންނާނެކަމަށްވެސް މަތީން ވިދާޅުވިއެވެ. އަދި އެކަމުގެ ހެޔޮ އަސަރު ކުންފުންޏަށްވެސް ކުރާނެކަމަށް ފާހަގަކުރެއްވިއެވެ.

