ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތަކާ ދެކޮޅަށް، ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް މިދިޔަ މަހު އަމަލުކުރަން ފެށި އާ ގާނޫނުގެ ދަށުން ހައްޔަރު ކުރި 3 މީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 3 ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާކަމަށެވެ.
އެ ގެ ބަލައި ފާސްކުރިއިރު، އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ:
މއ. މޯނިންގވިޔު، އަޙްމަދު ނަވާޒު (30އ)
މއ. މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ)
ލ. މާބައިދޫ، ބަށިމާގެމުޙައްމަދު ޝިދާދު (22އ)
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހަށް އަދި އިބްރާހީމް ޒައިދާން އާއި މުޙައްމަދު ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.
ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމުގައި ބެލެވޭނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެނޫންވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް، މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށްކަމަށެވެ. އަދި މި މާނައިގެ ތެރޭގައި، ގޭންގު، ކްރިމިނަލް އެންޓަޕްރައިސް، ކްރިމިނަލް ސިންޑިކޭޓް އަދި އެނޫންވެސް ގްރޫޕުތައް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް 25 އޯގަސްޓުގައި އަމަލުކުރަން ފަށާއިރު، ދެ ޤާނޫނެއް އުވިގެންދިޔައެވެ. އެ ޤާނޫނުތައް އުވިގެންދިޔަ ނަމަވެސް މިކަމާއި ގުޅިގެން، ދައުވާ ކުރުމާއި، ތަހުގީގުތަކަށް އަސަރެއް ނުކުރާނެކަމަށްވެއެވެ. އެގޮތުން އުވިގެން ދަނީ ތޫނު ހަތިޔާރު ޤާނޫނާއި، ކުރިން އަމަލު ކުރަމުން އައި ގޭންގް ކުށްތަކުގެ ޤާނޫނެވެ.
މި ޤާނޫނުގެ ދަށުން ބައެއް ކުށްތަކުގައި ގެންދެވޭ މީހުން ޤާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލު ކުރެވުން ކޮންމެވެސް މިންވަރަކަށް ހަނި ކުރެވޭނެކަމަށް ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު މުޙައްމަދު ވަނީ މައުލޫމާތު ދެއްވާފައެވެ. އެގޮތުން 48 ގަޑިއިރަށް އެކަހެރިކޮށް ބައްދަލު ނުވެވޭގޮތަށް ހެދޭކަމަށާއި، ވަކީލުގެ ޙައްޤު ހިފެހެއްޓުމުގެ ބޭނުމަށްޓަކައި 48 ގަޑިއިރު ގުނަނީ އެމީހަކު ހައްޔަރު ކުރާ ވަގުތަކުން ނޫންކަމަށް ވިދާޅުވިއެވެ. އެ މުއްދަތު ގުނަނީ އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮސް، ބަންދު ކުރާ ހިސާބުންކަމަށް އައިޝަތު ވިދާޅުވިއެވެ.
އެހިސާބުންވެސް އެ ހައްޤުތައް ހިފެހެއްޓެނީ ”ޗެކް އެންޑް ބެލެންސް“ ނިޒާމަކުންކަން ފާހަގަ ކުރައްވައި އައިޝަތު ވިދާޅުވީ، އެ ޙާލަތުގައިވެސް ޙައްޤު ހިފެހެއްޓެނީ ވަކި ޙާލަތްތަކެއް ފުރިހަމަވެގެންކަމަށެވެ.

