މާދަމާރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
މިނިސްޓްރީން ވަނީ އެކަން އަންގައި ރާއްޖޭގެ ހުރިހާ ރަށަކަށް ސާކިއުލަރ އެއް ފޮނުވާފައެވެ. އެގޮތުން އެ ސާކިއުލަރ ގައި ބުނެފައިވަނީ، މާދަމާ ރޭ ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 20:28ގައި ކަމަށެވެ.
މީގެ އިތުރުން، ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭ 23:11 ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މެންދަމު އަލިވެ 01:55 ހާއިރު ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު މާދަމާ ރޭ 23:12 ގައި ހަމަޖެއްސުމަށް މިނިސްޓްރީން ވަނީ ހުރިހާ ކައުންސިލްތަކަށް އަންގަވާފައެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މާލޭގައި ކޭތަނަމާދުކުރާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ހުޅުމާލޭގައި މި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގައެވެ.
މީގެ އިތުރުން، ކޭތަ ނަމާދުގެ ޚުތުބާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރާނެކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

