ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓް ފުލް ސްކޭލް އެމަޖެންސީ އެކްސަސައިޒްގެ ތައްޔާރީތައް ނިމުމަކާއި ގާތަށް

ވީއައިއޭގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަމުން އަންނަ ހާއްސަ ހަރަކާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވާ އެއާޕޯޓް ފުލް ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) ގެ ތައްޔާރީތައް ނިމުމަކާއި ގާތްވެފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބުނެފި އެވެ.

8 ސެޕްޓެމްބަރު 2025 ގައި ބާއްވަން ހަމަޖެހިފައިވާ އެފެކްސްގެ ބޭނުމަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.

ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވާނެއެވެ.

މި ހަރަކާތްތަކުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން އެއާޕޯޓު އެމަޖެންސީ ސާވިސަސްގެ ޖެނެރަލް މެނޭޖަރ އަޒީނާ އަބްދުލް މަތީން ވިދާޅުވީ، މި އެކްސަސައިޒްގައި އެއާޕޯޓުގެ ކެޕެބިލިޓީސްތަކާއި، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެހެނިހެން މުއައްސަސާތަކާއި އެކީ އެއާޕޯޓު އިމަޖެންސީ ޕްލޭންގެ ދަށުން ލިޔެވިފައިވާ ގޮތަށް ރެސްޕޮންޑް ކުރެވޭތޯ ބެލޭނެކަމަށާއި، އަދި އެކި މުއައްސަސާތަކުން އެކަށީގެންވާ ރޯލުތަކުގައި މަސައްކަތްކުރޭތޯ ވެސް ވަޒަން ކުރެވޭނެ ކަމަށެވެ.

މި ތަމްރީނުގައި 182 ޒަހަމްވެފައިވާ މީހުންނާއި، 185 ޒަހަމްވީ މީހުންގެ އާއިލީ މެންބަރުންގެ ހާލަތު ސިމިއުލޭޓް ކުރެވޭނެއެވެ.

ކޮންމެ ތިން އަހަރަކުން އެއް އަހަރަކު އެއާޕޯޓްގައި ބާއްވަން ހަމަޖެހިފައިވާ އެކްސަސައިޒެއް. މި އެކްސަސައިޒް ގައި އަޅުގަނޑުމެން މި ޓެސްޓު ކުރަނީ އަޅުގަނޑުމެންގެ އެއަޕޯޓުގެ ކޭޕެބިލިޓީސް އަދި އަޅުގަނޑުމެންގެ އެއަރޕޯޓަށް ކުއްލި ހާލަތެއް ދިމާ ވެއްޖެއްޔާ، އެހެނިހެން މުއައްސަސާތަކާ އެކީ އަޅުގަނޑުމެން ރެސްޕޮންޑް ކުރާއިރުގައި މިހާރު ލިޔެވިފައި އޮތް އެއަރޕޯޓް އެމެޖެންސީ ޕްލޭންގެ ދަށުން ލިޔެވިފައި ހުރި ގޮތަށް ތޯ.

މި ހަރަކާތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން 32 މުއައްސަސާއަކުން ފުރިހަމަ އެއްބާރުލުމެއް ދީ ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ފަސް ހޮސްޕިޓަލެއްގެ އެކްޓިވޭޓުވެ، މި ތަމްރީނުގެ ބައިވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ.

ތަމްރީނު ހަރަކާތްތަކުގެ ތެރެއިން، ސެޕްޓެންބަރު 8 ގެ ހަވީރު 4:00 އިން 5:00 އަށް ވީއައިއޭގެ ރަންވޭ ވަގުތީ ގޮތުން ބަންދުކުރެވޭނެއެވެ. ނަމަވެސް އެއާޕޯޓުގެ ޓާމިނަލްތަކުގެ އޮޕަރޭޝަންތައް އާންމު ހާލަތުގައި ކުރިއަށްދާނެއެވެ. އެއަށް ފަހު ރަންވޭ އަލުން ހުޅުވާލެވި، ނޯމަލް އޮޕަރޭޝަންތަކާއެކު ކުއްލި ހާލަތުގެ އޮޕަރޭޝަންތައް ކުރިއަށްދާނެކަމަށް އަޒީނާ ވިދާޅުވިއެވެ.

މި އެކްސަސައިޒްގެ ހުރިހާ ކޮމްޕޮނެންޓްތައް ހަވީރު 4:00 އިން ރޭގަނޑު 9:00 އާ ހަމައަށް އެކްޓިވޭޓް ކުރެވޭނެއެވެ.

މި ހަރަކާތާ ގުޅިގެން ސިނަމާލެ ބްރިޖުގެ އެއް ލޭން ވެސް ބަންދުކުރެވޭނެއެވެ. އެއާޕޯޓާވީ ފަޅީގެ ލޭނަކީ ކުއްލި ހާލަތުގެ ވެހިކަލްތަކާއި، ޒަހަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމަށް ބޭނުންކުރެވޭނެ މަގެކެވެ. އަދި މާލެއާއި ހުޅުމާލޭގެ ބައެއް މަގުތައް ވެސް ވަގުތީ ގޮތުން ބަންދު ކުރުމަށް ވަނީ ރޭވިފައެވެ.

މި މަގުތަކުގައި ފުލުހުން ތިބެގެން އާންމުންނަށް އިރުޝާދު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އަދި މަގުތައް ބަންދު ކުރެވޭނެ ގޮތުގެ ތަފްސީލު އެއާޕޯޓުގެ ކޮމިއުނިކޭޝަންސް ޓީމުން ހިއްސާ ކުރަމުން ގެންދާނެކަމަށް އަޒީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: