ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން 20 އަހަރަށް އެކުލަވައިލާ މާސްޓަޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމަށް ރަށްރަށަށް ދަތުރުތައް މިއަދު ފަށައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ އަމަލީ މަސައްކަތްކުރާ ޓީމުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މީހުން ދިރިއުޅޭ ރަށްރަށަށް ކުރާ ދަތުރުތައް މިހާރު ވަނީ ފަށާފައެވެ. އެ ޓީމު އެންމެ ފުރަތަމަ ދިޔައީ ކ. ގުރައިދޫއަށްކަމަށް މިނިސްޓްރީން ބުންޏެވެ.
މި ދަތުރުގެ ތެރެއިން މި ޓީމުން ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ރާއްޖޭގެ ކުރިމަގާއި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އާއި ތަސައްވުރާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުރި ގޮތް އެ ޓީމުން ހޯދާނެކަމަށް މިނިސްޓްރީން ބުންޏެވެ.
ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަޝްވަރާ އިފްތިތާހު ކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. މި ބައްދަލުވުން އިފްތިތާހުކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއީ ގައުމީ ފިކުރު އެއްކިބާކޮށް، ގައުމާއި އަންނަން އޮތް ޖީލުތަކަށް ފައިދާވާނެ ގޮތަށް ފަރުވާ ކުރެވޭނެ ސިޔާސަތަކަށް ވާތީ އެންމެހާ ރައްޔިތުންގެ ޝާމިލުވުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ ޕްލޭން ރާވައި ފުރިހަމައަށް ތަންފީޒު ކުރެވިއްޖެ ނަމަ، ރާއްޖެ 2040 ވަނަ އަހަރުގެ ކުރިން ފުރިހަމައަށް ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި ގިންތި ކުރެވިގެން ދާނެކަމަށެވެ.
ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގެ އަމާޒަކީ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމެވެ.
މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަންދިނުމަށާޓަކައި ގާނޫނުއަސާސީއަށް މާއްދާއެއް އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

