މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި އައިޝަތު ޝިޔާޒާ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައަކީ މިއީ 18 ޖުލައިގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުހެއްގެ މައްސަލައެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (32އ) ފުލުހުންގެ ވަޒީފާއިން އޭނާ ވަކިކުރަން ނިންމައިފައިވާ ކަމަށެވެ. އަދި އެއް މައްސަލަ ވަނީ ބަލާފައި ކަމަށާއި އެކަމާއިމެދު ގޮތެއް ނިންމާފައިވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ފުލުސް މީހާގެ އިތުރުން ދެން ހައްޔަރުކުރީ ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ)އެވެ. ފުލުހުން ބުނީ އެ ދެމީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން، އައިޝަތު ޝިޔާޒާއަށް ފަސް ދުވަސް އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ މުއްދަތެއް އޭރު ޖަހައިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

