2އޮފް އަސްއިން ބްރިޓަންސް ގޮޓް ޓެލެންޓްގެ ”ޕްރޮޑިއުސަރ ރައުންޑް“ ކްލިއަރކޮށްފިއެވެ.
ލީޑު ލަވަކިޔުންތެރިޔެެއްގެ ގޮތުގައި އަހުމަދު އަދުހަމާއި ޢަބްދުﷲ ޝަމްރޫޚާއި، އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ) އާއި އަޙްމަދު ޖަޝީމް ހިމެނޭ ޓޫ އޮފް އަސް، އެ ޝޯގެ އޮންލައިން އޮޑިޝަންތައް ކްލިއަރ ކުރުމުން، މިހާރު ވަނީ އިނގިރޭސިވިލާތަށް ގޮސްފައެވެ.
އެ ގައުމުގައި ޓޫ އޮފް އަސްއިން ވަނީ ބީޖީޓީގެ ’ލައިވް ތިއޭޓާ ޕްރޮޑިއުސާ‘ ރައުންޑުގައި ބައިވެރިވެފައެވެ. ބީޖީޓީގެ ޕްރޮޑިއުސަރުންގެ ހާޒިރުގައި ހުނަރު ދައްކާލަން ޖެހޭ އެ ރައުންޑުން ވެސް ޓޫ އޮފް އަސް ވަނީ ފާސްވެ، ޕްރޮޑިއުސަރުންގެ ތައުރީފު ހޯދައިފައެވެ.
ލީޑު ލަވަކިޔުންތެރިޔާ އަދުހަމް ބުނެފައިވަނީ ޖަޖުންނަށް ޕާފޯމަންސް ވަރަށް ކަމުދިޔަ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ލަވަކިޔުންތެރިންވެސް ދެކެމުންއައި ހުވަފެނެއް ކަމަށް އަދުހަމް ވަނީ ބުނެފައެވެ. ޕްރޮޑިއުސަރުންނަށް އެ ހުށަހެޅުން ވަރަށް ކަމުދިޔަކަން ފާހަގަކޮށް އަދުހަމް ބުނީ، އެ ރައުންޑުން ފާސްވުމުން، ދެން އޮންނަ ލައިވް އޮޑިޝަނަށް ދާންވީ ދުވަސް އަންނަ މަހު އަންގާނެ ކަމަށެވެ.
ރާއްޖޭގެ ސްޓޭޖުތަކުން ފަށައިގެން، މި ސަރަހައްދުން އެންމެ ފާހަގަކޮށްލެވޭ ބެޓްލް އޮފް ދަ ބޭންޑް އިންޓަނޭޝަނަލްއަށް ގޮސް، ޓޫ އޮފް އަސްއިން ވަނީ ތިން ވަނަ ހޯދައިފައެވެ. އެ ކާމިޔާބީއާއެކު، މިހާރު ބްރިޓަންސް ގޮޓް ޓެލެންޓްއިން ފުރުސަތު ހޯދީ ވަރަށް ގިނަ ގޮންޖެހުންތަކުން އަރައިގަތުމަށްފަހުގައިކަން ފާހަގަކޮށް، އަދުހަމް ވަނީ އެ ބޭންޑަށް ހިތްވަރުދިން އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. ޚާއްސަކޮށް، އާއިލާއާއި އެކުވެރިންނާއި ބޭންޑަށް ތާއިދުކުރާ މީހުން އޭނާ ފާހަގަކުރެއެވެ. ޓޫ އޮފް އަސްއަކީ ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެކެވެ.
ބްރިޓަންސް ގޮޓް ޓެލެންޓް ޝޯއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ މީހުންނަށް ތަފާތު ހުނަރުތައް ދައްކާލުމަށް ފުރުސަތުދޭ އެންމެ މަގުބޫލު އެއް ޝޯއެވެ.

