ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުވާލައިފިއެވެ. އެފްޑީސީން މިފުރުސަތު ހުޅުވާލަނީ ޓަވަރުތަކުގެ މަސައްކަތް ނިމިފައިވާ މިންވަރަށް ބަލައި، އެއްބަސްވުންތައް ހެދޭ މިންވަރުންނެވެ.
އެފްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާތަނަށް 2,955 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އަދި އެއްބަސްވުންތަކުގައި ސޮއިކުރުމަށް 3,070 ބައްދަލުވުން ތާވަލުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކަނޑައަޅާފައިވާ ޚާއްޞަ ސަރަޙައްދުތަކުގައި ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
އެފްޑީސީން ފާހަގަކޮށްފައިވާ ގޮތުގައި، 4,000 ހައުސިންގ ޔުނިޓް ތަރައްޤީކޮށްފައިވާއިރު، މި ޔުނިޓުތައް ހަވާލުކުރާނީ ފިނިޝިންގ މަސައްކަތްތައް ފުރިހަމަކުރުމަށްފަހުގައެވެ. ޔުނިޓުތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް، ކުލަ އަދި ފާޚާނާގެ ތަކެތި ހަރުކޮށްފައި ހުންނާނެއެވެ.
ފްލެޓުތަކުގެ މަސައްކަތުން މިހާރު ކުރިއަށްދާ ބައިތަކުގެ ތެރޭގައި ބިލްޑިންގ ސައިނޭޖް، ސީސީޓީވީ ނެޓްވޯކް، ކުނި އުކާލުމުގެ ނިޒާމް، ބޫމް ގޭޓް، ލޭންޑްސްކޭޕިންގ، އަދި އެހެނިހެން މުހިންމު ވަސީލަތްތައް ހިމެނެއެވެ. އަދި ފެނާއި ކަރަންޓުގެ ޚިދުމަތާއި އިންޓަނެޓް ގުޅުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.
ޔުނިޓު ލިބޭ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމަށް އަންނަންޖެހޭ ދުވަހާއި ގަޑި ”ފަހި ޕޯޓަލް“މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެފްޑީސީން ބުނެފައިވެއެވެ. އަދި ކުއްޔަށް ހިފާ ފަރާތަށް އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުނުވެވޭނަމަ، ޕަވަރ އޮފް އެޓާނީ ހުށަހަޅަންޖެހޭނެކަމަށްވެސް އެފްޑީސީން ވަނީ އަންގާފައެވެ.

