ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ މަސައްކަތްތަކާއި އިގްތިސާދު އަދި ދަރަނީގެ ކަންކަންވެސް ސާފުކޮށްދޭނަން، މަޖިލީހަށް ހާޒިރުކުރޭ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ދައުރުގައި މާލީ ކަންކަމާއި އިގްތިސާދީ މަސައްކަތްތައް ކުރެވުނު ގޮތް ސާފުކޮށް ހިއްސާކުރައްވާނެކަމަށް ވިދާޅުވެ މަޖިލީހަށް ހާޒިރުކުރުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފިއެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، އެމްޑީޕީގެ ވެރިކަން ނިމުނު އިރު ޖުމްލަ ދަރަނި 120 ބިލިއަނަށް އަރަ އެވެ. އިގްތިސާދީ މި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުމުގެ ޒިންމާ އެމްޑީޕީއާއި، ކުރީގެ ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އަމީރު ނަގަން ޖެހޭނެކަމަށް ސަރުކާރުގެ މެމްބަރުން ބުނެ އެވެ.

މި މައްސަލައާއި ގުޅުވައި އަމާޒުވާ ފާޑުކިއުންތަކަށް މީގެ ކުރިން ވެސް އަމީރު ވަނީ ރައްދު ދެއްވާފަ އެވެ. މާލީ ހާލަތާއި ގުޅުން ހުރި ހުރިހާ މައުލޫމާތެއް ހިއްސާ ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ބުނެ، މިއަދު އަމީރު ވަނީ މަޖިލީހަށް ހާޒިރު ކުރުމަށް ގޮވާލާފަ އެވެ. އަމީރު ވިދާޅުވީ މާލީ ހާލަތުގެ ނަން ބޭނުންކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަ ނުވަތަ ކުރީ ސަރުކާރުގެ ވާހަކަތައް ދައްކަމުން ދާތާ މިހާރު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ. އަދި ޕީއެންސީން ވެރިކަމަށް އައީ އިގްތިސާދީ ހާލަތުން އަރައިގަނެވޭނެކަމާއި މެދު ހާސްކަމެއް ނެތްކަމުގެ ވާހަކައާއި މާލީ އެހީތެރިކަން ލިބޭނެކަމުގެ ފެހި ސިގުނަލް ފެންނަމުންދާކަމަށް ބުނެކަމަށްވާއިރު ތިބީ ގަބުވެ ކުރިއަށް ދެވޭނެ ގޮތް ނޭނގިފައިކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، މި ސަރުކާރަށް ހައްލު ކުރެވުނު އެއްވެސް މައްސަލައެއް ނެތްކަމަށާއި ހޯދުނު ކުރިއެރުންތަކެއް ވެސް ނެތްކަމަށެވެ. އަދި ހުރިހާ ކަމެއްވެސް ގޯހުން ގޯހަށް ގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަމީރު ވިދާޅުވީ ނިމިދިޔަ ދައުރުގައި އިގްތިސާދީ ގޮތުންނާއި މާލީގޮތުން ބޮޑެތި ދަތިތައް ކުރިމަތިވިއިރު އެ ދެ ދާއިރާގެ މަސައްކަތްތައް ވެސް ޖުމުލަކޮށް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށްކަމަށެވެ.

2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކުގެ ތެރެއިން އިގްތިސާދި 33 އިންސައްތައިން ދަށްވިއިރު 2021 ވަނަ އަހަރުގައި 38 އިންސައްތައިގެ ކުރިއެރުން ލިބިގެންދިކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ. އަދި 2022 ވަނަ އަހަރުގެ ކުރީ ކޮޅުގައި އިގްތިސާދު އޮތީ ކޮވިޑް އައުމުގެ ކުރިން އޮތް މިންވަަރަށްވުރެ ރަނގަޅު ހާލަތެއްގައިކަމަށް ފާހަގަކުރެއްވި އެވެ. އަމީރު ވިދާޅުވިގޮތުނުް ކޮވިޑްގެ ވަބާގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްވީ އެދައުރުގައި އެޅި މާލީ އިގްތިސާދީ އަދި އިޖްތިމާއީ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.

އޭގެ ފަހުން ޔޫކްރޭނާއި ރަޝިއާގެ ދެމެދު ހަނގުރާމަ ފެށުމާއިއެކު ދަތިތައް ކުރިމަތިވިއިރު ރައްޔިތުންނާއި ވިޔަފާރިތަކަށް އަސަރުނުކުރާނެ ގޮތަށް މެނޭޖުކުރެވުނުކަމަށެވެ. އަދި އެހުރިހާ ކަމެއްގެ ތެރެއިންވެސް ރާއްޖޭގެ ތާރީހުގައި ސަރުކާރަކުން ނުކުރާ މިންވަރަށް ރަށްތަކުގައި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާނެކަމަށާއި މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި މަގުތައް ތަރައްގީކުރުމުގެ އިތުރުން އެއަޕޯޓްތައް ބިނާކުރުމާއި ބަނދަރު ހެދުން އަދި ބިން ހިއްކުމާއި ހާހުން ހައުސިންގ ޔުނިޓްތައް އެޅުން ފަދަ ކަންކަން ހިމެނޭކަމަށެވެ. އަމީރު ވިދާޅުވީ، ބްރިޖް އަޅަން ފެށުމާއި އެސްޑީއެފްސީގެ މަސައްކަތްތައް ފެށުމަކީވެސް އެ ދުވަސްވަރު ހާސިލުކުރެވުނު ކާމިޔާބެއްކަމަށެވެ.

އަމީރު ވިދާޅުވީ، ކޮވިޑް ދުވަސްވަރު އިގްތިސާދު ދަށަށް ދިއުމާއިއެކު އާމްދަނީ ދަށްވެގެންދިޔަކަމަށެވެ. އެހެންކަމުން ލޯނުތަކެއް ނަގަންޖެހުނުކަމަށާއި އެމްޑީޕީގެ ދައުރުގައި އުފެއްދިކަމަށް ބުނާ 56 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 19 ބިލިއަނަކީ ކޮވިޑްގެ ސަބަބުން އިތުރުވެގެންދިޔަ އަދަދެއްކަމަށެވެ.

އެހެންކަމުން ބާކީ އޮތީ 37 ބިލިއަން ކަމަށްވާއިރު ޕީއެންސީގެ ސަރުކާރަށް 2 އަހަރު ނުވަނީސް އެވަރުގެ ދަރަންޏެއް އުފައްދާފައިކަމަށެވެ. ނަމަވެސް ކުރި ކަމެއް ނޫނީ ހިންގި ޕްރޮޖެކްޓެއް ފެންނަ މީހެއް ރާއްޖޭގައި ނެތްކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ކުރިމަތިވި ދަތިތަކުން އަރައިގަތީ ރައްޔިތުންނާއި ވިޔަފާރިތައްވެސް ސަލާމަތްކޮށްގެންކަމަށެވެ. އަދި ދައުރު ނިމުނުއިރު ގެންނަންޖެހޭ އިސްލާހުތައް ދެނެގަނެ ތައްޔާރުވެގެންތިބިއިރު އެކަން ކުރީ ވެރިކަން ބަދަލުވުމުން އަންނާނެ ބައެއްގެ ކިބައިން މަކަރުވެރިކަން ފެނިގެންދާނެކަމަށް ނޫނީ ތަންދޮރު ނުދަންނާނެކަމަށް ދެކިގެން ނޫންކަމަށެވެ.

އަމީރު ވިދާޅުވީ، މޮޅު ވާހަކަތަކެއް ދެއްކުމުގައި ބަދަލުގައި މަޖިލީހަށް ގެންދިއުމަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރާއިރު ޕީއެންސީގެ ހުރިހާ މެމްބަރުންގެ އިތުރުުން ވަޒީރުންވެސް ގެނައުމުގައި މައްސަލައެއް ނެތްކަމަށާއި އެމްޑީޕީގެ ދައުރުގައި މާލީ ކަންކަމާއި އިގްތިސާދު ހިންގި ގޮތް އަދި ކާރިސާތަކުގެ ސަބަބުން ގެނައި ބަދަލުތަކުގެ އިތުރުން ދަރަނި ނަގަންޖެހުން ގޮތާއި ފައިސާ ޗާޕުކުރި ގޮތުގެ ތަފްސީލުތައްވެސް ހިއްސާކުރައްވާނެކަމަށެވެ.

ޕީއެންސީން ކަމުގެ ހަގީގަތް އޮޅުވާލަމުންދާކަމަށް އިޝާރާތްކުރައްވާ އަމީރު ވިދާޅުވީ، ހަދަމުންދާ ދޮގުތަކުގެ ތަފްސީލު ރައްޔިތުންނަށް ސާފުވާންޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: