ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު އަނބުރާ ދައްކާނެ ގޮތެއް ސަރުކާރަށް ނޭނގޭ، މައުލޫމާތު ސިއްރު ކުރާ ސަބަބަކީ އެއީ: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖެއިން އަންނަ އަހަރު ދައްކަން ޖެހޭ އެއް ބިލިއަން ރުފިޔާގެ ދަރަނި އަދާނުކުރެވި، ގައުމު ޑިފޯލްޓުވާ ހާލަތެއްގައި އޭގެ އެންމެ ބޮޑު އަސަރެއް ބޭންކިން ސެންޓާއަށްކޮށް މުޅި ދާއިރާ އެއްކޮށް ހުއްޓިގެން ދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އަންނަ މަހުގެ 3 ގައި ”ލޫޓުވާލައިފި“ ނަމުގައި ބޮޑު އެއްވުމެއް ބޭއްވުމަށް އެމްޑީޕީ އަންނަނީ ތައްޔާރުވަމުންނެވެ. އަދި މި މުއްދަތުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެކި މަސައްކަތްތައް ކުރަމުން ގެންދާނެކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

ޕާޓީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި ދެކެވިފައި ވަނީ، ރާއްޖެ އަންނަ އަހަރު ދައްކަން ޖެހޭ 1 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރާނެ ގޮތުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައި ނުވާތީ އެކަމާއި ގުޅޭގޮތުންނެވެ. މާލީ ތަފާސްހިސާބުތައް އާންމު ކުރުން ހުއްޓާލާފައި ވާތީ، ހަރަދުތަކާއި އާމްދަނީއާއި ގުޅޭގޮތުން ވެސް އެމްޑީޕީން ސުވާލު އުފެއްދި އެވެ.

މި ޖަލްސާގައި ޝަމްހީދު ވިދާޅުވީ އަންނަ އަހަރު ދައްކަން ޖެހޭ ލޯނާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ލޯނު ދެއްކުމާއި މެދު އަމަލު ކުރާ ގޮތް، ސަރުކާރުން ސިއްރު ކުރަމުން ދަނީ އެއްވެސް ޕްލޭނެއް ނެތުމުގެ ސަބަބުންކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ އެމްޑީޕީގެ ވެރިިކަމުގައި ގަވައިދުން ހަރަދުގެ ތަފާސްހިސާބުތައް އާންމު ކުރަމުންއައިކަމަށާއި، އެހެން ނަމަވެސް އައު ސަރުކާރު އުފެދުނު ފަހުން އެކަން ހުއްޓާލާފައިވާކަމަށެވެ. އަދި ނަމްބަރުތައް އާންމު ކުރަނީ، ބޭނުންވާ ވަގުތެއްގައި ރައްޔިތުންނަށް އެތައްކަމެއް އޮޅުވާލުމަށްފަހުކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ މާލީ ހިސާބުތަކަކީ، ކޮންމެ ހަފްތާއަކު ވެސް އާންމު ކުރަން ޖެހޭ އަދަދުތަކެއް ނަމަވެސް، ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އެފަދަ އެއްވެސް މައުލޫމާތެއް ފެންނަން ނެތްކަމަށެވެ.

މި މައުލޫމާތުތައް އޮޅުންފިލުވުމަށް އެކި ފަހަރުމަތީން އެމްޑީޕީން މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރ މުނައްވަރުއާއި ބައްދަލު ކުރުމަށް މަސައްކަތް ކުރިއިރު ރަނގަޅު އެއްވެސް ޖަވާބެއް ލިބޭ ގޮތެއް ނުވިކަމަށް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވީ އެ މަސައްކަތުން ވެސް އެނގުނީ، ސަރުކާރު ވާނުވާއެއްގެ ތެރޭގައި އޮތްކަމެވެ.

ޝަމްހީދު ވިދާޅުވީ މިއަދު ރައްޔިތުން އެންމެ ބޮޑަށް އުފައްދާ ސުވާލަކީ، ރާއްޖެއަށް ދަރަނި އަދާނުކުރެވި ގައުމު ޑިފޯލްޓަކަށް ދާ ހާލަތެއްގައި ދެން ކަން ވާނެ ގޮތާއި މެދު އެވެ. ޝަމްހީދު ވިދާޅުވީ އޭގެ ސަބަބުން ދިވެހި ރައްޔިތުން ކުރިމަތިލާން ކުރިމަތިލާން ޖެހޭ ދަތިތައް އިންތިހާއަށް ބޮޑުކަމަށެވެ. އެގޮތުން ބޭންކިން ނިޒާމަށް އަސަރުކޮށް، މި ދާއިރާ އެއްކޮށް ހުއްޓި ދިއުމުގެ ފުރުސަތު އެބައޮތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ މިއީ ހަމައެކަނި ސަރުކާރަށް ކުރާނެ އަސަރެއް ނޫންކަމަށާއި، ވަކިވަކި ރައްޔިތުންނަށް ވެސް އޭގެ އެތައް ދައްޗަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ހަގީގަތުގައި އަޅުގަނޑު ވެސް ބައެއް ފަހަރު ވެސް ރައްޔިތުން ސުވާލުކުރެވޭ ޑިޕޯލްޓް ވެއްޖެއްޔާ ކިހިނެއްހޭ… ޑީފޯލްޓް ވެއްޖެއްޔާ ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ވާނެ. އެންމެ ބޮޑު އަސަރެއް ކުރާނީ، ދިވެހިރާއްޖޭގެ ބޭންކިންގ ސެކްޓާއަށް، ވަރަށް ބޮޑަށް އަސަރެއް ކުރުމުގެ ފުރުޞަތު އެބަ އޮތް ރާއްޖޭގެ ބޭންކިން ސެކްޓާ އެއްކޮށް ހުއްޓިދާނެ. ދިވެހިރާއްޖެއަށް ޑިޕޯޓްވެއްޖެ ހާލަތެއްގައި އެހެންވީމާ މިއީ ވަރަށް ކަންބޮޑުވާން ޖެހޭކަމެއް. މިއީ ހަމައެކަނި ސަރުކާރުން ސިއްރިއްޔާތުގައި ކުރެވޭނެ ކަންތައްތަކެއް ނޫން. މިއީ އަޅުގަނޑުމެން ކޮންމެ ރައްޔިތަކަށް ވެސް މީގެ އަސަރު ކުރާނެ ކަންތައްތައް… އެހެންވީމާ އަޅުގަނޑުމެންނަށް ކޮންމެ ދުވަހުގެ ސަރުކާރުން އެބަ ޖެހޭ މި މަޢުލޫމާތުތައް ހާމަކުރަން. ބަޖެޓުގައި ބަޖެޓު ފޮތުގައި އެބަ އޮތް ލޯނު ދައްކާނެ ގޮތް…

މީގެއިތުރުން ޝަމްހީދު ވިދާޅުވީ ސަރުކާރަށް ކަން ކުރަންވީ ގޮތް ބަޖެޓު ފޮތުން ވެސް ސާފުވާނެކަމަށާއި، ލޯނު އަދާކުރާނެ ގޮތް އޭގައި ވަރަށް ސާފުކޮށް ލިޔެފައި ވާނެކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް މި ސަރުކާރުން ބަޖެޓު ފޮތުގައި ބުނެފައިވާ ގޮތުގެ މަތީން އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި ފައިސާ ހޯދާނެ ގޮތާއި، އެ ރައްކާކޮށް ލޯނު އާދާކުރުމަށް ބޭނުން ކުރާނެ ގޮތަކީ ކޮބައިކަން އަދި އާމްދަނީ އިތުރު ކުރާނެ ގޮތް ވެސް ބަޖެޓު ފޮތުގައި އޮންނާނެ އެވެ.

އެންމެ ފަހުން މިދިޔަ އޮގަސްޓު މަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް އިޝަރާތް ކުރައްވައި ޝަމްހީދު ވިދާޅުވީ، އޭރުގެ ނަމްބަރުތަކުން ދައްކާ ގޮތުން އޮގަސްޓު 7 ގެ ނިޔަލަށް ރެކޯޑު އަދަދެއްގެ އާމްދަނީއާއި އެކު ދައުލަތަށް 23.7 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު 3 ބިލިއަން ރުފިޔާގެ އިތުރުވުމެއްކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ މި ފައިސާ ރައްޔިތުންގެ ހައްގުގައި ބޭނުން ކުރެވުނީސް ކަމަށެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި ބިލިއަނުން ފައިސާ ލިބޭއިރު، އެ ފައިސާއަށް ވަނީ ކިހިނެއްތޯއާއި ހަރަދު ކުރަނީ ކޮން ގޮތަކުން ތޯ ރައްޔިތުންނަށް ނޭނގެ އެވެ. އަދި ރައްޔިތުން އެކި ޓެކްސްތައް ދައްކަމުންދާއިރު، އެ ފައިސާއަށް ކުރާ ބޭކާރު ހަރަދުތައް ވެސް އެނގޭނެ ގޮތެއް ނެތްކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

ޝަމްހީދު ވިދާޅުވީ އޮކްޓޯބަރު 3 ގައި ރައްޔިތުން މަގުމައްޗަށް ނިކުންނަން ޖެހެނީ، އެ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިދުމަތް ކުރާ މަސައްކަތަކީ ކޮބައިކަން ނޭނގޭތީ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުން މަގުތަކަށް ނިކުމެ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: